ފަސްކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ ދެ ދާއިރާއެއްގެ އިންތިޚާބު ކަމަށް ޖެންޑާ މިނިސްޓްރީ ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ފަސްކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ކަމަށެވެ.

ޖެންޑާއިން ބުނީ މި ދެ އިންތިޚާބު ފަސްކޮށްފައިވަނީ، އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ ފަރާތްތަކަށް އިންތިޚާބުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާގޮތުން ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ނުލިބޭކަމުގެ ޝަކުވާތައް ލިބޭތީ އެ ކަންކަން ހައްލު ކުރުމަށް ކަމަށެވެ.

"މި ކަންކަމަށް ރިއާޔަތްކުރުމަށްފަހު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދާތީވެ، ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށެވެ." ޖެންޑާއިން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން 2022 ފެބުރުވަރީ 24 ވަނަ ދުވަހު 09.00 ފެށިގެން 11.00ގެ ނިޔަލަށް އެ މިނިސްޓްރީގައި ކުރިއަށް ދާނެ ކަމަށް ވެސް ޖެންޑާއިން ބުންޏެވެ.

ޑިސެބިލިޓީ ކައުންސިލަށް ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރު، އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރު މިހާރު އިންތިޚާބު ކޮށްފައިވާ ކަން ވެސް ޖެންޑާއިން ފާހަގަކޮށްފައިވެއެވެ. ޖެންޑާއިން ބުނީ އިންތިޚާބު ކާމިޔާބު ކުރި މީހުންގެ ނަންތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.

މި އިންތިހާބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްއެވެ.