23 Feb 2022, 17:08
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހަޅުއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ފަސް މެންބަރުން ހިމެނޭ އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގައި މިވަގުތު އެއްވެސް މެންބަރަކު ނެތެވެ. މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ މެންބަރުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަމުން ދަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ޢަޒީޒް މިއަދު ވިދާޅުވީ ރައީސް އޮފީހުން ފޮނުވައިފައިވާ ނަންތައް އާންމު ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
މިދިޔަ އަހަރު މަޖިލިސް ޗުއްޓީގައި އޮއްވާ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަަސައްކަތް ފެށީ ކުއްލިއަކަށެވެ. އެއީ އޮޑިޓް އޮފީހުން ހެދި އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ފަހުގައެވެ.
އެ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އޭރު އިސްތިއުފާ ނުދެއްވާ ތިބި ތިން މެންބަރުން ވަކި ކުރާށެވެ. އެ ތިން މެންބަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޓީގެ ނިންމުން އޮތީ މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ.
އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ފުރަތަމަ އިސްތިއުފާ ދެއްވީ މުހައްމަދު ޝަކީލާއި އަލީ އަޝްރަފެވެ. އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ. އެ ތިން މެންބަރުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.
ގާނޫނު ބުނާ ގޮތުން އޭސީސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވަނީ އޭސީސީއަށް މެންބަރުން އައްޔަން ކުރެވުމާއެކު، ދަައުލަތުގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ހޯދައިފައިވާ ކަންކަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށައެޅުމަށް ކޮމިޝަނުން ވަނީ ނިންމާފަ. އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގާ ކަނޑައަޅުއްވާ ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އެއަށްފަހު އެ މައްސަލައިގައި ކުރަން ޖެހޭ ހުރިހާ ތަހުގީގެއް ކުރަމުން ގެންދާނީ އޭސީސީން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.