ދިމިޝްޤު (މާޗް 14) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އިދްލިބް ގަވަނޭޓް، ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިއްޖެކަން އެޤައުމުގެ ސިފައިން ހާމަކޮށްފިއެވެ.

ސީރިޔާ ސިފައިންނާ ޙަވާލާދީ އެޤައުމުގެ ސަރުކާރުގެ މީޑިޔާ ބުނިގޮތުގައި ތުރުކީގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ އިދްލިބް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެއުމަށް ސިފައިން ހިންގި އޮޕަރޭޝަން ކާމިޔާބުވެ އެސަރަޙައްދުގެ ރަށްތަކާއި ވިލެޖްތަކުން އިދިކޮޅު ހަނގުރާމަވެރިންވަނީ ފައްސާލެވިފައެވެ.

ނަމަވެސް "ސީރިޔަން ފްރީ އާމީ" ގެ ނަމުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރިން މިކަން ދޮގުކުރެއެވެ. ހަނގުރާމަވެރިން ބުނިގޮތުގައި އިދްލިބްގެ ބައެއް ވިލެޖްތައް އަދިވެސްވަނީ އެމީހުންގެ ބާރުގެ ދަށުގައެވެ. އިދްލިބްގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރު ސިފައިންނަށް ނުލިބޭ ކަމަށާއި ހަނގުރާމައަދިވެސްދަނީ ކުރިޔަށްކަމަށް ހަނގުރާމަވެރިންނަށް ތާއީދުކުރާ އެކްޓިވިސްޓުން ބުނެއެވެ.

އިދްލިބް އަކީ މީގެއެތަށް ހަފްތާއެއް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހިފާފައިވާގަވަރނޭޓެކެވެ. މިގަވަރނޭޓްގެ އެންމެބޮޑު ސިޓީއަކީ އިދްލިބް އެވެ. އިދްލިބް ހިފުމަށް ސަރުކާރު ސިފައިން ހިންގި ޢަސްކަރީ އޮޕަރޭޝަންގައި ޓޭންކާއި މޯޓަރު ބަޑިއާއި ޢަސްކަރީ ހެލިކޮޕްޓަރުތަކާއި އެނޫންވެސް ބަރުހަތިޔާރު ބޭނުންކުރިކަމަށްވެއެވެ. އަދި މިއޮޕަރޭޝަންގައި ޢާންމުންގެ އެތަށް ބަޔަކު މަރުވި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ސަރުކާރު ސިފައިންގެ މި އޮޕަރޝަންގައި 100 އަށްވުރެ ގިނަ ޢާންމުން މަރުވިކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް ސަރުކާރުން މިކަން ދޮގުކުރެއެވެ. -- ބީބީސީ