23 Feb 2022, 21:22
ރާއްޖެއިން ޑީޕޯޓު ކޮށްފައި ތިބޭ ބިދޭސީންނާއި ދިވެހީން އެ ގައުމަކަށް ގޮސް ކައިވެނި ކުރުމަށްފު، އެމީހާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ރަސްމީ ލިޔެކިޔުމެއް ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް، އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ ދޭސީ ބިދޭސީ ކައިވެއްޏެއް ކުރާން ހުށަހެޅުމުން، އެމީހުންގެ މައުލޫމާތު ހޯދުމަށް ޓަކައި ކޯޓުން އިމިގްރޭޝަނަށް ފޮނުވާ ކަމަށެވެ.
"ދޭސީ ބިދޭސީ ކައިވެނި ކުރަން ހުށަހެޅީމައި ކޯޓުން އިމިގްރޭޝަނަށް ފޮނުވާނެ އޭނާގެ ބެކްގްރައުންޑް ޗެކް ކުރަން. އަޅުގަނޑުމެން ރިޖެކްޓް ކުރިޔަސް ކައިވެނި ކުރުމަކީ ހައްގަކަށް ވާތީ، ކޯޓުން ކައިވެނި އެބަ ކޮށްދޭ،" ޝިފާން ވިދާޅުވިއެވެ.
"ރާއްޖެ އެތެރެވުމުގެ ހުއްދަ އަޅުގަނޑުމެން ނުދިނީމައި ހިއުމަން ރައިޓްސް ކޮމިޝަނަށާއި އެކި ތަންތަނަށް މައްސަ ހުށަހަޅައިގެން، މިކަހަލަ މައްސަލަތައް ވެސް ބައިވަރު އެބައުޅޭ،"
މިއަދުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިފާން ވަނީ ގިނަ ކަންތައްތަކެއް ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކުރީން ދޭސީ ބިދޭސީ ކައިވެނި ކޮށްގެން ތިބި ފަރާތްތަކުން ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން ބިދޭސީން ދިވެހީންނާ ކައިވެނި ކޮށްގެން މެރިޖް ވިސާ ހޯދުމަށްފަހު، ރާއްޖޭގައި ހަށި ވިއްކުން ފަދަ ޖިނާއީ ބޮޑެތި ކުށްތައް ކުރާ މައްސަލަތައް އިތުރުވެ، އާއްމުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ އެފަދަ ކައިވެނި ކުރަނީ ދެމީހުން އެކުގައި އުޅުމުގެ ބަދަލުގައި ވަކި ކަންތައްތަކެއް ހާސިލު ކުރުމަށް ކަމަށެވެ.
"އެފަދަ ވަގުތުތަކުގައި ބިދޭސީން ގިނަ ފަހަރަށް ކައިވެނި މި ކުރަނީ ވެސް އުމުރުން ދުވަސް ވެފައިތިބޭ ދިވެހިން ބަލައިގެން،" ޝިފާން ވިދާޅުވިއެވެ.
ޖިނާއީ އަދުލުގެ ތެރެއިން އެވަރަށް ހެކި ސާބިތު ކުރެވޭކަށް ނޯންނަ ކަމަށް ވިދާޅުވެ، ޝިފާން ވިދާޅުވީ އެހެން ވުމުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭ ކަމަށެވެ.
"ވިސާ ކެލްސަލް ކުރަން ބަލާއިރު މި ވާގޮތަކީ އެއީ ގިނަ ދުވަސް ވެފައިތިބި ކައިވެނިތައް ވީމަ ދަރިން އެބަތިބޭ. އެހެންވީމަ ބައްޕައެއް ނުވަތަ މަންމައެއް ފޮނުވާލަން ވީމަ އެފަދަ މައްސަލަތައް އެބަ ކުރިމަތިވޭ،" ޝިފާން ވިދާޅުވިއެވެ.
"މަދު ފަހަރަކު އަޅުގަނޑުމެންނަށް އެބަހުރި އެ ހާލަތުގައި ވެސް ފޮނުވާލެވިފައި. ނަމަވެސް އާއިލާއެއް ރޫޅޭ ހާލަތު މި އަންނަނީ އިނގޭތޯ. އެހެންވީމަ ވަރަށް އުނދަގޫ ޑިޒިޝަނެއް މި ނަގަން ޖެހެނީ،" ޝިފާން ވިދާޅުވިއެވެ.
ދަރިން ތިއްބާ އެމީހަކު ފޮނުވާލައިފި ނަމަ ކުދިންނަށް ޚަރަދު ދޭނެ މީހަކު ނުހުންނަކަން ފާހަގަ ކުރައްވައި ޝިފާން ވިދާޅުވީ އެ ހާލަތުގައި އެފަދަ ކުދިންގެ ބަލަދު އަރަނީ ސަރުކާރަށް ކަމަށެވެ.
ޝިފާން ވިދާޅުވީ ބިދޭސީންގެ ތެރެއިން އެކިއެކި ޖިނާއީ ކުށްތަކުގައި އުޅޭ 18 މީހުންގެ މައްސަލަ ފުލުހުން ފާހަގަ ކޮށްފައިވާ ކަމަށާއި އިމިގްރޭޝަނުން ވެސް ދަނީ ފުލުހުންނާއެކު އެ މަސައްކަތުގައި ބައިވެރިވަމުން ކަމަށެވެ.
"މިސާލަކަށް ބްލެކް މާކެޓްގައި ލާރި މާރު ކުރުން. އެކަހަލަ ކަންކަމުގައި އަޅުގަނޑުމެން ޕޮލިހާ ގުޅިގެން މިދިޔަ ދެމަސް ތެރޭގައި އެގާރަ ވަރަކަށް ފަރާތެއް "ޓާގެޓެޑް އޮޕަރޭޝަން" ތަކެއް ހިންގައިގެން ބޭރު ކުރެވިފައިވާނީ،" ޝިފާން ވިދާޅުވިއެވެ.
"ހަމަ އެއާއެކު ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ވަރަށް ގިނަ ބިދޭސީން ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި ސާޅީސް ހަ ބިދޭސީން އަޅުގަނޑުމެނަށް ވަނީ ފޮނުވާލެވިފައި"
އިތުރަށް ޝިފާން ވިދާޅުވީ އެފަދަ މައްސަލަތަކަކީ ތަކުރާރުކޮށް ހިނގާ ކަންކަމަށް ވާތީ ފުލުހުންގެ އެކި އިންޓެލިޖެންސް ޑިޕާޓްމެންޓްތަކާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތަކެއް ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ހިންގަމުން އަންނަ ކަމަށެވެ.