މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ކަނޑައަޅައި، މި އަހަރުން ފެށިގެން އެ ދުވަސް ފާހަގަ ކުރަން އެ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި، އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ޖަލްސާގައި ފާސްކޮށްފައި ވަނީ ކޮންމެ އަހަރެއްގެ ޖުލައި ތިން ވަނަ ދުވަހަކީ އެ ކައުންސިލްގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ކައުންސިލު މެމްބަރުން ވިދާޅުވީ، މާލޭގެ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް، ސިޓީ ކައުންސިލުން ވެސް އަހަރީ ދުވަހެއް ފާހަގަ ކުރުން މުހިންމު ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލްގެ އަހަރީ ދުވަހެއް ރަސްމީކޮށް ކަނޑައެޅުމަށް މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ސަބަބަކީ، ގާނޫނީ ގޮތުން، ވެރިކަންކުރާ ރަށް މާލެއަށް ސިޓީއެއްގެ މަގާމު ލިބުމުގެ ކުރިން މާލޭގެ އިޖުތިމާއީ ބެލެނިވެރިޔަކީ މާލޭ މުނިސިޕަލްޓީ ކަމަށް ވެފައި، މާލެ ސިޓީއަކަށް ބަދަލުވެ، އޭގެ ފަހުން ނިޒާމަށް އައި ބަދަލުތަކުގައި މިހާރު އެ ދައުރު އަދާކުރަނީ މާލެ ސިޓީ ކައުންސިލް ކަމަށް ވާތީއެވެ.

އެހެންކަމުން މި ދެބައި ގުޅުވާލައިގެން، ދައުލަތުގެ ފަރާތުން މި ޚިދުމަތް މާލޭގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ދޭން ފެށި ދުވަހެއް ދެނެގަތުން މުހިންމުކަމަށް މޭޔަރު ދެކެވަޑައިގަންނަވާތީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ މުނިސިޕަލް ޚިދުމަތް ދިނުމަށް ޓަކައި ދައުލަތުން އެންމެ ފުރަތަމަ އުފެއްދެވި މުއައްސަސާއަކީ "މުނިސިޕަލްޓީ" އެވެ. މި މުއައްސަސާ އުފައްދަވާފައިވަނީ އައްސުލްޠާނު މުޙަންމަދު ފަރީދުލްއައްވަލުގެ ރަސްކަމުގައެވެ.