23 Feb 2022, 14:35
މޮސްކޯ (23 ޖަނަވަރީ 2022): ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގެންފިއެވެ.
އިމްރާންޚާނަކީ ފާއިތުވި ތޭވީސް އަހަރު ތެރޭގައި ރަޝިއާއަށް ޒިޔާރަތް ކުރެއްވި ޕާކިސްތާނުގެ ފުރަތަމަ ބޮޑުވަޒީރެވެ. އިމްރާންޚާން އާއި ރައީސް ޕޫޓިންގެ ރަސްމީ މަޝްވަރާތައް މިއަދުގެ ވަގުތެއްގައި ކްރެމްލިންގައި އޮންނާނެއެވެ.
މޮސްކޯއަށް ވަޑައިގެން ރަޝިއާގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާންޚާން ވިދާޅުވީ އޭނާގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ރަޝިއާއާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ހަމަޖެހުމާބެހޭގޮތުން ވިލަރެސް ކުރުން ކަމަށެވެ. ޕާކިސްތާނަކީ މިހާތަނަށް އެމެރިކާގެ ފަޅީގައި އޮތް ގައުމެކެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ޕާކިސްތާނަކީ ސޮވިއެޓް ޔުނިޔަންގެ ދުޝްމަން ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު މިހާރުގެ ރަޝިއާ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފާޅުވުމުންވެސް ޕާކިސްތާނާއި ރަޝިއާގެ ގުޅުންތައް އޮތީ ވަރަށް ހީނަރުކޮށެވެ. ނަމަވެސް އެމެރިކާ ޕާކިސްތާނާ މުއާމަލާތްކުރާ ގޮތުން މިފަހަކަށް އައިސް ޕާކިސްތާންވަނީ އެމެރިކާއާ ވަރަށް ބޮޑަށް ދުރަށްޖެހެން ފަށާފައެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ވެރިކަމުގައި ޕާކިސްތާނުންވަނީ އެމެރިކާ ޕާކިސްތާނާ މެދު މުއާމަލާތްކުރާ އިހާނާތްތެރި ގޮތުން އެމެރިކާގެ އިތުބާރު ޕާކިސްތާނަށް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމެރިކާ އާ ފެއަށް ޖެހުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ޚާރިޖީ ސިޔާސަތުގައި އިމްރާން ޚާންވެސް ގެންގުޅުއްވަނީ ނަވާޒް ޝަރީފު ގެންގުޅުއްވި ސިޔާސަތާ އެއްގޮތް ސިޔާސަތެކެވެ. އެއީ އެމެރިކާއާ ދުރުވެލުމާއެކު ޗައިނާއާއެކު ސްޓްރެޓީޖިކް ލެވެލްގައި ގުޅުންތައް ބަދަހިކުރުމުގެ ސިޔާސަތެވެ.
މިސިޔާސަތާއެކު ޕާކިސްތާންވަނީ ރަޝިއާއާ ވެސް މިހާރު ގާތްވާން ފަށާފައެވެ. ރަޝިއާގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި އިމްރާންޚާން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބަހުސެއްގައި ބައިވެރިވެ ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ޕާކިސްތާނާއި އިންޑިއާގެ ގުޅުންތައް ހީނަރުވެފައިވާ މައްސަލައާބެހޭގޮތުން މިފަދަ ބަހުސެއްގައި ވާހަކަ ދެކެވިއްޖެނަމަ މައްސަލަތައް ހައްލުކުރަން ފަސޭހަވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިމްރާންޚާން ވިދާޅުވިއެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުންތަށް ރަނގަޅު ކުރެވި ދެގައުމުގެ ދެމުގައި ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުންތައް ރަނގަޅު ކުރެއްވިއްޖެނަމަ ދެގައުމުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ.
އިމްރާންޚާން ވިދާޅުވީ އެމެރިކާއިން އަފްޣާނިސްތާނާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ދުވަހަކަށް އުންމީދުކުރައްވާކަމަށާ އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ސަރަހައްދީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އެފިޔަވަޅުތައް އުވާލައިފިނަމަ މި ތިން ގައުމުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތައް ލިބި، އެއްބަޔަކު އަނެއްބަޔަކާ މިހާރަށް ވުރެ ބޮޑަށް ލާމެހި ސަރަހައްދަށް ހަމަޖެހުމާއި ފާގަތިކަން އަންނާނެކަމަށް އިމްރާންޚާން ވިދާޅުވިއެވެ.
އިމްރާން ޚާންގެ ވަފްދުގައި ޕާކިސްތާނުގެ އިސް ބައެއް މަސްއޫލުވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް ހިމެނެއެވެ. އެބޭފުޅުން ރަޝިއާގެ އިސްފަރާތްތަކާ އަދި އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ރަޝިއާ އާއި ޕާކިސްތާނުން އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.