14 Mar 2012, 09:36
ޑާކާ (މާޗް 14) : ބަންގްލަދޭޝްގެ ކޯރަކަށް ފެރީއެއް ބަންޑުން ވުމުގެ ސަބަބުން 31 މީހަކު މަރުވެ އެތަށްބަޔަކު ގެއްލިއްޖެވެ.
ބަންގްލަދޭޝް ފުލުހުން ބުނިގޮތުގައި ޣަރަޤުވީ މީހުންގެ ތެރެއިން ދިރިތިއްބާ ސަލާމަތްކުރެވުނީ 35 މީހެކެވެ. "ޝިރްޔަތާބޫރު1" ނަމަކަށްކިޔާ މި ފެރީ ބަންޑުންޖަހާލީ މެގްނާ ކޯރުން ދަތުރުކުރި ތެޔޮބޯޓެއްގައިޖެހި އެކްސިޑެންޓްވެގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރުކޮށެއްނުދެއެވެ.
މެގްނާ ކޯރަކީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހުޅަނގު ދެކުނުގައި އޮންނަ ކޯރެކެވެ. ގާތްގަނޑަކަށް 200 ވަރަކަށް މީހުން ދަތުރުކުރި "ޝިރްޔަތާބޫރު1" ފެރީ ބްނޑުންޖަހާލުމުގެ ސަބަބުން ޣަރަޤުވީ މީހުންގެ ތެރެއިން ގިނަމީހުންވަނީ ގެއްލިފައެވެ. މަރުވެފައިވަނިކޮށް ފެނުނު މީހުންގެ ތެރޭގައި ގިނަޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ބަންގްލަދޭޝަކީ ކޯރުތަކުގެ ބޮޑު ނެޓްވާކެއް އޮންނަ ޤައުމެކެވެ.
ބަނގްލަދޭޝްގެ ކޯރުތަކުގައި ދަތުރުކުރާ ފެރީތަކަކީ ފުރިބަންޑުންވާވަރަށް މީހުން އަރުވައިގެން ދަތުރުކުރާ އަދި ސަލާމަތީ ފިޔަވަޅުތައް އަޅާފައިނުވާ ދެރަވަރުގެ ފެރީތަކެވެ. އެހެންކަމުން ފެރީބޯޓުތައް ބަންޑުންޖަހާލުމުގެ ޙާދިސާތަކުގައި ކޮންމެ އަހަރަކު އެތަށްހާސް ބަޔަކު ބަންގްލަދޭޝްގައި މަރުވެ އަދި ގެއްލެއެވެ.
ފެރީތައް ބަންޑުންޖަހާލުމުގެ ޙާދިސާތައް ތަކުރާރުކޮށް ކުރިމަތިވަމުންދާއިރުވެސް ފެރީތަކުގެ ސަލާމަތީ ކަންކަން ރަނގަނޅު ނުކުރުމުގެ އިތުރުން ފަސިންޖަރުންގެ ނަންތަކުގެ ލިސްޓެއްވެސް ނުގެންގުޅެއެވެ. އެހެންކަމުން ބަންގްލަދޭޝްގެ ފެރީތަކުގައި ދަތުރުކުރާ މީހުންނަކީ ކޮންބައެއް ކަމާއި އެމީހުންގެ ޢަދަދުވެސް ނޭންގޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- ބީބީސީ