10:00


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވި އަށް ބޭފުޅުންނަކީ މިހާރުވެސް އެކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މ. މާހުރާ/ އަހްމަދު ސަލީމާއި، މ. ހުކުރަދިގޭ/ މަރްޔަމް ޢަޛްރާ އަޙްމަދާއި، މ. މޫންޑްރޮޕްސް/ މުޙަންމަދު ވަޙީދާއި، ގ. ރަތްމިނާ/ ފާޠިމަތު ނާހިދު ޝާކިރާއި، މއ. ފޮސީތިއާ/ މަރްޔަމް ޝެނިންއާއި، ހ. އައްޑޫގެ/ އަޙްމަދު ތޮލާލާއި، ޅ. ހިންނަވަރު ދޭލިޔާއާގެ/ ޖީހާން މަޙްމޫދުގެ އިތުރުން ޢާއިޝަތު އާނިޔާ ހ. މެލައިމް އެވެ.


މިބޭފުޅުންގެ ތެރެއިން އަޙްމަދު ސަލީމާއި، މަރްޔަމް ޢަޛްރާ އަޙްމަދަކީ މިހާރުވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުންނެވެ.


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރުން ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހުށަހެޅުއްވީ، ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ ހ ގައި، އެޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި، އެޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި، ނުވަތަ ޤާއިމުކޮށް ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިގޮތުން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިހުށަހެޅުއްވީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެކޮމިޝަނަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައި، އެޤާނޫނުގައިވާ ގޮތުގެ މަތިން ޢާންމުކޮށް އިޢްލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އަށް ބޭފުޅެއްގެ ނަންފުޅު ކަމަށާއި އެ އަށް ބޭފުޅުންގެ ތެރެއިން އެކޮމިޝަނަށް ޢައްޔަން ކުރައްވާނެ ފަސް ބޭފުޅެއްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.