23 Feb 2022, 12:47
ސިއްހީ ފަރުވާއަކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރަށް މިއަދު ފުރައިވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރައީސް ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ ތައިރޮއިޑުގެ ފަރުވާއަކަށް ކަމަށެވެ.
"ޑޮކްޓަރުގެ ލަފާގެމަތިން އަޅުގަނޑު ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް އެބަ ފުރަން. މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ," ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ފަރުވާގެ އިތުރު ތަފްސީލެއް ހާމަކުރައްވައިފައެއް ނުވެއެވެ.
މި މަހުގެ ކުރީކޮޅު ވެސް ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅު ނިންމަވާލައްވައި ދެކަނބަލުން މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އޭގެ ފަހުން ރައީސް ވަނީ ޅ. އަތޮޅުގެ ރަށްތަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވައިފައެވެ.