23 Feb 2022, 11:28
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް 2-0 އިން ބަލިކޮށް ޗެލްސީއިން ކުއާޓާ ފައިނަލާ ގާތަށް ޖެހިލިއިރު، ޔުވެންޓަސް އާއި ވިލަރިއާލް 1-1 އިން އެއްވަރުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ބުރުގައި ރޭ ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ޗެލްސީން ވަނީ މެޗުގެ ކުރީކޮޅު ގޯލެއް ޖަހައި މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ.
މެޗުގެ އަށް ވަނަ މިނެޓުގައި ހަކީމް ޒިޔެޗް ނަގައިދިން ކޯނަރަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒެވެ. މިއީ 22 އަހަރުގެ ހަވާޓްޒް ޗެލްސީއަށް ކާމިޔާބުކޮށްދިން ހަ ވަނަ ގޯލެވެ.
މެޗުގައި ޗެލްސީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ޗެލްސީގެ އެންގޯލޯ ކަންޓޭގެ އެހީތެރިކަމާއެކު ކްރިސްޓިއަން ޕުލިސިޗެވެ. އެގޮތުން 63 މިނެޓުގައި ކަންޓޭ މެދުރޮނގާ ހަމައިން ބޯޅަ ހިފައިގެން ލިލްގެ އޭރިއާތެރެއަށް ވަދެ ޕުލިސިޗަށް ޖައްސާލި ބޯޅު އޭނާ އަމާޒު ކޮށްލީ ގޯލުގެ ދުރު ކަނަށެވެ.
ވިލަރިއާލްއާއި ޔުވެންޓަސްް ބައްދަލުކުރި މެޗުގެ ފުރަތަމަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު ކާމިޔާބިކޮށްދިނީ، ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި ޔުވެންޓަސްއާ ގުޅުނު ޑޫސަން ވްލަހޮވިޗެވެ. ގޯލަށް ފަހު ވެސް މެޗު ޑޮމިނޭޓްކޮށްގެން ގިނަ ހަމަލާތަކެއް ޔުވެންޓަސްއިން ވަނީ އުފައްދާފައެވެ. ނަމަވެސް އެ ޓީމަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތްނުވެފައެވެ.
އެއާއެކު، މެޗުގެ 66 ވަނަ މިނެޓުގައި ވިލަރިއާލުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ އެޓިއެއްނޭ ކަޕޯ ނަގައިދިން ހުރަހަކުން ޑެނީ ޕަރޭހޯ އޭރިއާތެރޭގައި ހުސްކޮށް ހުރެ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.
މި ނަތީޖާއާ އެކު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް އަދިވެސް ހަމަހަމަ ފުރުސަތެއް އެބައޮތެވެ. މި އަހަރުން ފެށިގެން އަވޭ ގޯލް އުސޫލަށް ނުބަލާގޮތަށް ނިންމުމުން ޔުވެންޓަސްއިން ރަށުން ބޭރުގައި ރޭ ޖެހި ގޯލުގެ މާބޮޑު ފައިދާއެއް ނުކުރާނެއެވެ.
ޗެމްޕިއަންސް ލީގުގައި މިރޭވެސް ފޯރިގަދަ ދެ މެޗު ވަނީ ކުޅެން ހަމަޖެހިފައެވެ. އެގޮތުން ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކުރިމަތިލުން ފާހަގަކުރެވެއެވެ.