ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް އުވާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ސަރުކާރަށް ގޮވައިލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަދަރުސަތުލް އިފްތިތާހަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދި އެ ދާއިރާގެ މެންބަރު ހުށަހަޅުއްވައިފައިވާ ގަރާރަށް ބަހުސް ކުރައްވަމުން، ޢާޒިމް ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިންނަށް މިވަގުތު ވަރަށް ބޮޑު ހުރަސްތަކެއް މިވަގުތު އެބައޮތް، މި ވޭތުވެދިޔަ ދެ އަހަރަކީ ހަގީގަތުގައި ތައުލީމު އުނގަންނައިނުދޭ ދެ އަހަރޭ ދަންނަވާލުމަކީ ކުށަކަށް ނުވާނެ،" ޢާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިތާ ދެ އަހަރު ވެފައިވާ ކަން ފާހަގަކުރައްވައި، ޢާޒިމް ވިދާޅުވީ މިކަން މިހާރު ވެފައިވަނީ "ބޮޑު ޖޯކަކަށް" ކަމަށެވެ.

"އެތައް ގާނޫނުތަކެއް ސަސްޕެންޑުވެފައި އެބަހުރި، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން. ދުނިޔޭގެ އެހެން ކޮން ގައުމެއްގައިތޯ އަޅުގަނޑު ހިތަށް އަރާ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތީ މިހާ ގިނަ ދުވަހު،" ޢާޒިމް ވިދާޅުވިއެވެ.

ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ދައްކަވައިފައިވާ ވާހަކައަށް އިޝާރާތް ކުރައްވައި އާޒިމް އިތުރަށް ވިދާޅުވީ މިހާރު ކޮވިޑާއެކު އުޅެން ޖެހޭ ދުވަސް ޖެހިފައިވާ ކަމަށެވެ.

"މާސްކު އެޅުން ހުއްޓާލަން ޖެހޭ، އަޅުގަނޑުމެންގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން ދެ ޑޯޒު ވަނީ ދެވިފަ. ބޫސްޓާ ޑޯޒް ދެވިއްޖެ. އެހެންވީމާ އަޅުގަނޑުމެން ނިއު ނޯމަލްގައި އުޅެން ފަށަން ޖެހިއްޖެ،" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވަނީ ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް އުވާލުމަށް ސަރުކާރަށް ގޮވައިލައި، މަޖިލިސް ތެރެއިން އެ ކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"މި މަޖިލީހުން އެބަ ޖެހޭ ސަރުކާރަށް ގޮވައިލަން، ސަރުކާރަށް ދަންނަވަން. މިހާރު ދެން ކޮވިޑް ނިމިއްޖޭ، އަޅުގަނޑުމެން ކުރީގެ ދިރިއުޅުމަށް އަނބުރާ ރުޖޫއަ ވާން ޖެހިއްޖޭ، ތައުލީމީ ނިޒާމު ކުރީގެ އޮތް ގޮތަށް އަނބުރާ ރުޖޫއަ ކުރަން ޖެހިއްޖޭ،" އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިހާރު ނިސްބަތުން މަދުވާން ފަށައިފައިވާއިރު، ކޮވިޑާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް އާންމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަކީ އަދިވެސް މަޖުބޫރު ކަމެކެވެ.