ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިއާ ބަލައިގަނެ އެދެ ސަރަހައްދުގެ ރައްޔިތުންގެ ދިފާއުގައި ކަމަށްބުނެ ރަޝިއާ ސިފައިން އެދެސަރަހައްދަށް ވަނުމުން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު ކަންބޮޑުވެ ވަޑައިނުގަންނަވާކަމަށް ރައީސް ވްލަޑިމީރު ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ކްރެމްލިންގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވެފައިވަނީ އެމެރިކާއާއި ޔޫރަޕުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން ކުރު މުއްދަތަކަށް ރަޝިއާއަށް ދަތިތަކެއް ފޯރަފާނެ ކަމަށާއި ނަމަވެސް ދިގުމުއްދަތަކަށް ބަލާއިރު އެކަމުން ސަލާމަތްވެވޭނެ ގިނަ ފުރުސަތުތަކެއް ހުރުމުން އެފިޔަވަޅުތަކުން ރަޝިއާއަށް ލިބޭނެ ހަގީގީ ގެއްލުމެއް ނެތްކަމުގައެވެ.

އެމެރިކާއާއި ޔޫރަޕުން 2014 ވަނަ އަހަރުން ފެށިގެން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރުވެސް އެގޮތުގައި ހުރިއިރު އެކަމުގެ ސަބަބުން ރަޝިއާގެ އިގްތިސާދަށް މާބޮޑު ލޮޅުމެއް އަރާފައިނުވާ ކަމަށާ އެފިޔަވަޅުތަކާއެކުވެސް ރަޝިއާގެ އިގްތިސާދުވަނީ ކުރިޔަށް ގޮސްފައިކަން ޕޫޓިން ހާމަކުރެއްވިއެވެ. އަދި ދުނިޔޭގައި އިގްތިސާދީ އެހެން ބޮޑެތި ބާރުތަކެއް މިހާރު ހުޅަނގަށްވުރެ ފުޅާދާއިރާއެއްގައި ހަރަކާތްތެރި ވަމުންދާތީ ރަޝިއާގެ ތެލާއި ގޭހަށް މާކެޓް ނުގެއްލޭނެކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ބޯލްޓިކް ކަނޑު ހުރަސްކޮށް އަޅާފައިވާ ރަޝިއާގެ ނޯޑް ސްޓްރީމް 2

ޕޫޓިން މި އިޝާރާތް ކުރެއްވީ ރަޝިއާގެ ތެލާއި ގޭހަށް ބޭނުންވެފައިވާ ޗައިނާ، އިންޑިއާ ތުރުކީ އަދި ކޮރެއާ ފަދަ އޭޝިއާގެ ބޮޑެތި އިގްތިސާދުތަކަށް ކަމަށް މުރާސިލުން ބުނެއެވެ. ރަޝިއާއިން ޔޫރަޕަށް ތެލާއި ގޭސް ފޯރުކޮށްދިނުމަށް ގިނަ ހޮޅިތަކެއް އަޅާފައިވެއެވެ. މީގެތެރޭގައި ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ދެ ހޮޅިކަމަށްވާ ނޯޑް ސްޓްރީން ވަން އާއި ޓޫ އާއި ބޯލްޓިކްގެ ގައުމުތައް ހުރަސްކޮށް އަޅާފައިވާ ޔަމާލް ހޮޅި ހިމެނެއެވެ. މި ތިން ހޮޅިވެސް ގުޅާފައިވަނީ ޖަރުމަނަށެވެ.

މީގެއިތުރުން ޔުކްރޭން ހުރަސްކޮށް ޕޮލެންޑަށް އަޅާފައިވާ ހޮޅިއަކާއި ކަޅުކަނޑު ހުރަސްކޮށް ބްލޫ ސްޓްރީމްގެ ނަމުގައި އިޓަލީއަށް އަޅާފައިވާ ހޮޅިއަކާއި ކަޅުކަނޑު ހުރަސްކޮށް ތުރުކުސްޓްރީމް ގެ ނަމުގައި ތުރުކީއަށް އަޅާފައިވާ ހޮޅިއެއްވެސް ހިމެނެއެވެ. ރަޝިއާއަށް ފިޔަވަޅު އެޅުމުގެ ގޮތުން ޖަރުމަނުންވަނީ ނޯޑް ސްޓްރީމް ޓޫ ހޮޅީގެ މަސައްކަތް މިވަގުތަށް ހުއްޓާލާފައެވެ. މިއީ އަދި މުޅިން ފުރިހަމަ ނުކުރެވޭ ހޮޅިއެކެވެ.

މި ހޮޅީގެ އިންވެސްޓްމަންޓްގެ ބޮޑުބައި ޚަރަދުކުރަނީ ޖަރުމަނުގެ ކުންފުނިތަކުން ކަމަށްވާތީ ޖަރުމަނުގެ ނިންމުން ދިގުދަންމައިފިނަމަ ގެއްލުންވާނީ ޖަރުމަނުގެ ކުންފުނިތަކަށެވެ. ނޯޑް ސްޓްރީމް ވަން އިން މިހާރުވެސް ޖަރުމަނަށް ގޭސް ލިބެމުންދެއެވެ. ގޭހަށް ޖެހިދާނެތީ އެ ހޮޅި ބަންދުކުރުމަކީ ޖަރުމަނަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އިޓަލީއާއި ޕޮލެންޑާއި ތުރުކީއަށް އަޅާފައިވާ ހޮޅިތައްވެސް ބަންދުކުރުމަކީ އެދެގައުމަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ޔޫރަޕަށް ރަޝިއާގެ ގޭސް ލިބޭވަރުގެ ހެޔޮ އަގުގައި އެއަށްވުރެ ދުރުގައުމުތަކުން ގޭސް ހޯދުމަކީ މުސްތަހީލް ކަމެކެވެ. ބޮޑުއަގުގައި ލިބިދާނެއެވެ. ނަމަވެސް ބަދަލުގައި ދާއިމީ ގޮތަކަށް ގޭސް ލިބޭނެ އިތުރު ސޯސްއެއް އަދި ނެތުމުން ރަޝިއާގެ ހޮޅިތައް ބަންދުކުރަން ޔޫރަޕަށް ފަސޭހައެއް ނުވާނެއެވެ. ރަޝިއާއަށް ބަލާއިރު ޔޫރަޕަށް ގޭސް ވިއްކާ މިންވަރަށް ޗައިނާއާއި އިންޑިއާއަށް ގޭސް ވިއްކުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް ހޮޅިތައް އަޅައިގެން މިކަންކުރަން މުއްދަތެއް ބޭނުންނުވާތީ ކުރުމުއްދަތަކަށް ރަޝިއާއަށް ދަތިތަކެއް ކުރިމަތިވާނެއެވެ. ޕޫޓިން ވިދާޅުވިގޮތުގައި ހުޅަނގުން ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އައު ކަމެއް ނޫނެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ހުޅަނގުން ރާވާފައިއޮތީ ރަޝިޔާއިން ވަކި ގޮތަކަށް އަމަލުކުރުމުން ނޫންކަމަށާ އެކަމުގެ ބޭނުމަކީ ރަޝިޔާގެ އަސްކަރީ ބާރު ކުޑަކޮށްލުމުގެ ރޭވުމުގެ ދަށުން ރަޝިއާގެ އިގްތިސާދު އިނދަޖައްސާލުން ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ކަޅު ކަޑުގެ އަޑިން އަޅާފައިވާ ރަޝިއާގެ ގޭސްހޮޅިތައް

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ހުޅަނގާ ކުރިމަތިނުލައި އަދި ކުރުމުއްދަތަކަށް ބައެއް ދަތިތައްވެސް ތަހައްމަލް ނުކޮށް ހުޅަނގުގެ ކިބައިން ރަޝިއާއަށް ސަލާމަތް ވެވޭކަށްނެތެވެ. އެމެރިކާ އޮތީ ނޭޓޯ ރަޝިއާގެ ބަނޑުދަށަށް ގެނަސްގެން ރަޝިއާ ހިސާރުކުރަން ކެތްމަދުވެފައެވެ. ޔުކްރޭން ބޭނުންކުރަނީ އެމެރިކާގެ މިމަގްސަދު ހާސިލް ކުރުމަށެވެ. ބޮޑު ބާރެއްގެ ހައިސިއްޔަތުން ރަޝިއާއަށް އިހްތިރާމްކުރަން އެމެރިކާ ބޭނުން ނުވެ ދުނިޔޭގައި އެމެރިކާ އެކަނި ވެރިކަން ކުރަން އުޅުމަކީ މިހާރު އުފެދިފައިވާ ޔުކްރޭން މައްސަލައިގެ ހަގީގަތެވެ.

އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށްޓަކައި ރަޝިއާއާއި ޗައިނާ މާކުރިންވެސްވަނީ އެމެރިކާގެ ސްވިފްޓް މާލީ ނިޒާމުގެ ބަދަލުގައި މާލީ އައު ނިޒާމެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ދުނިޔޭގައި އެންމެ ބޮޑަށް ތެލާއި ގޭސް އިންޕޯޓްކުރާ ގައުމުކަމަށްވާ ޗައިނާ މިހާރުވަނީ އެގައުމުން ގަންނަ ތެލާއި ގޭހުގެ އަގު ޑޮލަރުގެ ބަދަލުގައި ޔުވާންއަށް ބަދަލުކުރަން ފަށާފައެއެ. މިނިޒާމު ފުރިހަމަވުމުން ޗައިނާއާއެކު ތެލުގެ ވިޔަފާރިކުރާ ސައޫދީ ފަދަ ގަލްފުގެ ގައުމުތަކަށްވެސް ދެން މައިގަނޑު އާމްދަނީ ލިބޭނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޔުވާން އިންނެވެ.

މިހިސާބުން އެމެރިކާ ގައުމުތަކަށް ފިޔަވަޅުއަަޅަން ބޭނުންކުރާ ސްވިފްޓް މާލީ ނިޒާމުގެ ބާރު ކުޑަވެގެންދާނެއެވެ. މާނައަކީ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގާބިލްކަން އެމެރިކާގައި ވަރަށް ބޮޑަށް ކުޑަވެގެންދިޔުމެވެ. އެމެރިކާ އަތުގައި ގައުމުތަކަށް ބިރުދެއްކޭގޮތަށް މިހާރު އޮތް ހަމައެކަނި ބާރަކީ އެގައުމުގެ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމުގެ ބާރެވެ.

އަސްކަރީ ބާރުގެ ބޭނުންކޮށްގެން ގައުމުތަކަށް ބިރުދެއްކުމުގެ ޒަމާން މާޒީވެއްޖެއެވެ. މިކަން އަފްޣާނިސްތާނުގެ މައްސަލައާއި އީރާނުގެ ނިއުކްލިޔާ މައްސަލައާ އަދި ޔުކްރޭންގެ މައްސަލައިން ވަނީ ހާމަވެފައެވެ. އަފްޣާނިސްތާނުގައި އެމެރިކާ އަސްކަރީ ގޮތުން ބަލިވެ އެގައުމުން ފައިބާފައިވާއިރު އީރާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށްގެން އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލު ނުކުރެވޭނެކަން އެމެރިކާވަނީ ގަބޫލުކޮށްފައެވެ.

މިކަމުގެ ހެއްކަކީ މީގެ އަހަރުތަކެއް ކުރިން އެމެރިކާ ވަކިވި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނަސް އަލުން އެ އެއްބަސްވުމަށް އެނބުރި ރުޖޫއަވާން އެމެރިކާއަށް މަޖްބޫރުވުމެވެ. އެ އެއްބަސްވުމުން އެމެރިކާ ވަކިވީ އީރާނަށް ބިރުދައްކައިގެން އެ އެއްބަސްވުމަށް އެމެރިކާއި އިސްރާއީލު ފަދަ އެމެރިކާގެ ބައިވެރިން ބޭނުންވާ ބަދަލުތައް ގެނައުމުގެ ބޭނުމުގައެވެ. ނަމަވެސް މިކަމެއް ނުވިއެވެ.

އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެންނާއި އަސްކަރީ ބިރު ދައްކައިގެންވެސް މިކަން ނުކުރެވުމުން އެންމެފަހުން އެމެރިކާއަށްވަނީ އެއްވެސް ބަދަލެއް ނުގެނަސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމަށް މަޖްބޫރުވެފައެވެ.

ޔުކްރޭންގެ މައްސަލައަކީ އެމެރިކާގެ ހެޖޮމަނީ ނުވަތަ އަމިއްލަ އެދުމާއި ދުނިޔެއަށް އަތްގަދަކުރުމަށްޓަކައި ނޭޓޯ ބޭނުންކޮށްގެން ރަޝިއާ ވަށާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން އުފެދުނު މައްސަލައެކެވެ. ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅި ބާލިން ފާރު ވެއްޓި ދެޖަރުމަނު އެއްވެ ނޭޓޯއާ ކުރިމަތިލާން އޮތް ވޯސޯ ޕެކްޓް ރޫޅުމުން އެމެރިކާ އަށް ހީވީ މުޅިދުނިޔެ އެމެރިކާއަށް ލިބިގެން ދިޔަހެންނެވެ.

ސޮވިއެޓް ޔުނިޔަން ރޫޅި މިހާރުގެ ރަޝިއާ ހީނަރުވި ވަގުތު ދަނޑިވަޅު ބަލާފައި އެެމެރިކާވަނީ އަފްޣާނިސްތާނަށާއި އިރާގަށް އަރައިގެންފައެވެ. އަރަބި އެތައް ގައުމެއް (ސޫރިޔާ، ލިބިޔާ، ފަދަ) ޑިމޮކްރަސީގެ ނަމުގައި ފިތުނަ އުފައްދައި ހަލާކުކޮށްލާފައެވެ. އަދި ވޯސޯ ޕެކްޓް ނެތަސް ނޭޓޯގެންދިޔައީ ފުޅާކޮށް ބާރުގަދަކޮށް ޔޫރަޕުން ބޭރުގައިވެސް ހަރަކާތްތެރިވަމުންނެވެ. މިގޮތުން ނޭޓޯގެ ބާރުތައް ޔޫރަޕް ހުރަސްކޮށް އަފްޣާނިސްތާނަށްވެސް ވަނެވެ. އަދި ރަޝިއާގެ ވަށައިގެންވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ނޭޓޯ ފުޅާކޮށް ރަޝިޔާ ވަށާލިއެވެ.

އަނެއްކޮޅުން އެމެރިކާ ވަނީ "ކުއަޑް ގްރޫފް" (އެމެރިކާ، އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ) ހަދައިގެން ޗައިނާއާ ދިމާކުރުމަށްޓަކައި އެމެރިކާއާ އެތައް ހާސް ކިލޯމީޓަރެއްގެ ދުރުގައިވާ ދެކުނު ޗައިނާ ކަނޑުގައި ހަނފަތުރަން ފަށާފައެވެ. މިވަރުން ނުފުދިގެން އެމެރިކާ ދާދިފަހުންވަނީ "އައުކަސް" ގެ ނަމުގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ ހިމަނައިގެން އަސްކަރީ ގްރޫޕެއް ޗައިނާ އާ ދިމާކުުރުމަށް އުފައްދައި އެތައް ހާސް މޭލެއްގެ ދުރުން އައިސް ޗައިނާގެ ބަނޑުދަށުގައި ރަޝިއާއާ ދެކޮޅަށްކުޅުނު އަސްކަރީ ކުޅިވަރު ކުޅެން ފަށާފައެވެ.

ޔުކްރޭންގެ މައްސަލާގައި ރަޝިއާ ފޮޅާލިގޮތަށް މިކަމާ ދެކޮޅަށް ޗައިނާ ތެދުވުމުގެ ވަގުތުވެސް ކުޑަތަންވާކަމަށް ސްޓްރެޓީޖިސްޓުން ބުނެއެވެ. އެމެރިކާގެ މައްސަލައަކީ ބޮޑެތި އެހެން ބާރުތަކަށް އިހްތިރާމް ނުކުރުމެވެ. އެމެރިކާ ނޫނީ އެހެން ބާރެއް އޮތްކަމަށް ގަބޫލު ނުކުރުމެވެ. އެހެންނޫނީ އެމެރިކާއާ އެތައް ހާސް މޭލެއްގެ ދުރުގައި އޮތް ރަޝިއާގެ ސަރަހައްދަށް އެމެރިކާ އަންނަން ޖެހޭ ސަބަބެއް ނެތެވެ.