23 Feb 2022, 10:39
މިދިޔަ ހަތަރު އަހަރު ތެރޭ، ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަ އެންމެ ގިނައިން ރިޕޯޓް ކުރީ މިދިޔަ އަހަރު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން 2020 ވަނަ އަހަރު ފިރިހެނުންނަށް ގެވެށި އަނިޔާ ލިބުނު މިންވަރު ދަށްވި ނަމަވެސް އެވަރެޖްކޮށް ފިރިހެނުންނަށް ގެވެށި އަނިޔާ ކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން، 2018 ވަނަ އަހަރު ފިރިހެންނަށް ގެވެށި އަނިޔާ ކޮށްގެން 36 މައްސަލައެއް ރިޕޯޓުކުރިއިރު 2019 ވަނަ އަހަރު ރިޕޯޓްކުރީ 55 މައްސަލައެކެވެ. އަދި 2020 ވަނަ އަހަރު އެ އަދަދު 44އަށް ތިރިވި ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 58އަށް އުފުލިފައެވެ.
ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް މަދުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްބައިވަންތަކަމެގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގެވެށި އަނިޔާގެ މައްސަލަތައް ހައްލުކޮށް، އެ މައްސަލަތައް މަދުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އެފަދަ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް 2020 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން ވަނީ "ގެވެށި ގުޅުން"ގެ ނަމުގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށާފައެވެ.
ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ އިރު، އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ ގިނަ އަދަދެއްގެ މައްސަލަތައް ވެސް ދަނީ ހުށަހަޅަމުންނެވެ.
އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި:
2018 - 347 މައްސަލަ
- 2019 - 378 މައްސަލަ
- 2020 - 375 މައްސަލަ
- 2021 (ނޮވެމްބަރުގެ ނިޔަލަށް) - 388 މައްސަލަ