ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޑޮކްޓަރުންތަކެއް ފިލައިފައިވާ ކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތް މިނިސްޓަރު އަޙުމަދު ނަސީމެވެ. މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެފައިވަނީ ތިނަދޫ ހޮސްޕިޓަލާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ސުވާލުކުރެއްވުމަށެވެ.

ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މުޣުނީ ވަނީ އެ ރަށު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް "ހަރު ނުލަނީ" ކީއްވެތޯ މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.

މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދާދި ފަހުން ވެސް ތިނަދޫ ހޮސްޕިޓަލަށް ފަސް ޑޮކްޓަރުން ފޮނުވި ކަމަށާއި އެހެންނަމަވެސް އެ ޑޮކްޓަރުން ފިލައިފައިވާ ކަމަށެވެ.

"ތިނަދޫ ހޮސްޕިޓަލަށް އަޅުގަނޑުމެން މި ދޭތެރެއިން ވެސް ފޮނުވިން ފަސް ޑޮކްޓަރުން އިނގޭތޯ. ފޮނުވީމާ ފިލައިގެން ދިޔައީ އެ މީހުން. ދެން އަޅުގަނޑަކަށް ނޭނގެ ކިހިނެއް ކަމެއް ފިލައިގެން ދިޔައީކީ. އަޅުގަނޑުމެން އެ ތަނަށް ޑޮކްޓަރުން ފޮނުވައި އެކަހަލަ ކަންކަން އެބަ ކުރެވޭ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ ޑޮކްޓަރުން މިގޮތަށް ފިލައިގެން ދިއުމަކީ އޭގެ ސަބަބުން މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއްވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ހިނގައިގެން ދިޔަ ނުދިނުމަށް ހޮސްޕިޓަލުތަކުން އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

"އެއީ އެ މީހުން [ޑޮކްޓަރުން]ގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ އުޖޫރުތަކެއް ވެސް އެބަ ހުރޭ، އަޅުގަނޑުމެން އެތައް ޚަރަދެއް ކޮށްގެން އެ މީހުން ގެންނަނީ،" ނަސީމް ވިދާޅުވިއެވެ.

ތިނަދޫގައި ދިމާވި ކަންކަމާ ގުޅިގެން ޑޮކްޓަރުން ފިލައިގެން ދިއުން ހުއްޓުވުމަށް އިމިގްރޭޝަނާ ގުޅިގެން އިންތިޒާމުތަކެއް ވެސް ހަމަޖައްސައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން [ޑޮކްޓަރުން] ހިފެހެއްޓޭތޯ ބެއްލެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، އެ މީހުން ފިލައިގެން ދިއުމުގެ ކުރިން އެނގޭ ކަމަށް ވަނީ ވިއްޔާ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ވެސް މެ، އެއާޕޯޓާ ހަމައިން. އެ އިންތިޒާމު ވެސް އަޅުގަނޑުމެން އޮންނާނީ ހަމަޖައްސައިފަ،" ފޮނުވާ ޑޮކްޓަރުންނަށް ހޮސްޕިޓަލުތަކުން އިތުރަށް ސަމާލުވުމަށް އެދި ނަސީމް ވިދާޅުވިއެވެ.