"ޕްލީޒް..." އާދޭހުގެ ނަޒަރަކުން ޔޫލިން ނުހާއަށް ބަލައިލިއެވެ. ނުހާ އޭނާގެ ފޯނު ހުޅުވައިލުމަށްފަހު، އޭގެން އާހިލްއާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް ދެއްކިއެވެ. އެއާއެކު ޔޫލިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ މިންހާގެ އާހިލްއެވެ.

ލިބުނު ޝޮކާއެކު ބުނާނެ އެއްޗެއް ވެސް ޔޫލިންއަކަށް ނޭނގުނެވެ. އޭނާއަށް ސޯފާއިން ތެދުވެވުނެވެ. މިންހާއަށް އެ ޙަޤީގަތް ކިޔައިދޭނީ ކިހިނެއްބާއޭ ޔޫލިންގެ ހިތަށް އެރިއެވެ. އާހިލް ފަދަ މަކަރުވެރިއެއްގެ ޙަޤީގަތް އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ކޮންމެހެންވެސް ކިޔައިދޭން ޖެހޭނެއެވެ. ނޫނީ އާޚިރުގައި އެހުރިހާކަމެއްގެ ހިތާމަ ކުރަން ޖެހޭނީ ހަމަ އޭނާގެ އެކުވެރިޔާއެވެ. ޔޫލިންއަށް ވީ ގޮތުން ނުހާގެ އިތުރުން އައިހަމްއަށް ވެސް ލިބުނީ ޝޮކެކެވެ. ޔޫލިންގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އެ ދެމީހުން ނުކުޅެދުނެވެ. އައިހަމްވެސް ސޯފާއިން ތެދުވެލިއެވެ. އޭނާ ޔޫލިންގެ ކޮނޑުގައި އަތް ޖައްސައިލަމުން ސުވާލުކޮށްލިއެވެ.

"ލީން! ކިހިނެއްވީ؟" އައިހަމްއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު އައިހަމްއަށް ބަލައިލުމަށްފަހު ޔޫލިން ބަލައިލީ ނުހާއާ ދިމާލަށެވެ.

"ނުހާ... މީތަ ހަމަ އާހިލްއަކީ؟ މީނައާތަ ނުހާ ރައްޓެހިވެގެން އުޅުނީ... ދެންމެ ތި ކިޔައިދިން ހުރިހާ ވާހަކަ އަކީ.... ހުރިހާ ވާހަކައަކީ ހަމަ ތެދުތަ؟" ޤަބޫލުނުކުރެވޭ ފަދައަކުން ޔޫލިން ސުވާލު ކޮށްލިއެވެ. އެއާއެކު މިންހާ ބޯ ޖަހައިލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް އޭނާއަށް ގިސްލެވެމުން ދިޔައެވެ.

ޔޫލިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޔޫލިންއަށް އައި ބަދަލު މާނަ ކުރަން ނޭނގިފައިހުރި އައިހަމް އަނެއްކާވެސް، އެކަމާ ބެހޭގޮތުން، ސުވާލުކޮށްލިއެވެ. ޔޫލިން އާހިލްގެ ހަޤީގަތް ހާމަކޮށްލިއެވެ. މިންހާއާ އާހިލް ރައްޓެހިވެގެން އުޅުނު ކަމަށާއި މިންހާ ޝިޒާންއާ އިނީ ވެސް އެގުޅުން ކުރިއަށް ދަނިކޮށް ކަން ބުނެލިއެވެ. ޔޫލިން ސިއްރުކުރީ މިހާރުވެސް އެ ދެމީހުންގެ ގުޅުން އޮތްކަމެވެ. އެ އަޑު އަހަން ހުރެފައި ނުހާ ބުނީ އޭނާއާ އާހިލްއާ ގުޅުން އޮންނަތާ އަހަރުތަކެއް ފާއިތުވެއްޖެކަމުގައެވެ. އާހިލްއަކީ މަކަރުވެރި ބޭފަވާތެރިއެއްގެ ކަމުގައެވެ. އަވަހަށް އިންނާނެ ކަމުގައި ބަހަނާ ދެއްކުމަށްފަހު، މިއަދާ ހަމައަށް ވެސް އެއްވެސް ކަމެއްގެ އަމަލީ ސިފަ އާހިލްގެ ފަރާތުން ނުފެންނަ ކަމުގައި ނުހާ ބުނެލިއެވެ. އޭނާ އާހިލް ދެކެ ލޯބިވާވަރުން އެ ހުރިހާކަމެއް ހަނދާން ނައްތައިލަނީ ކަމުގައި ނުހާ ބުނެލިއެވެ. ހަޤީގަތް އެނގުމަށްފަހު އިތުރަށް އޭނާއާއެކު އުޅެން ބޭނުންނުވާކަމަށް ވެސް ނުހާ ބުނެލިއެވެ.

"މިންހާ ދޯ.. އޭނަ ކައިރީގައިވެސް ބުނޭ އާހިލްއާ ކައިރި ނުވާށޭ... އޭނަ ބޭނުންވާނީ އެންމެ ކަމެއް." ނުހާ މަޑުމަޑުން ބުނެލިއެވެ. ޔޫލިން ނުހާގެ ކޮނޑުގައި އަތް ޖައްސައިލަމުން ނުހާއަށް ހިތްވަރުދިނެވެ. އައިހަމްވެސް އަނެއް ފަރާތުގައި އިށީނުމަށްފަހު، ދެން އެކަމާ ނުވިސްނުމަށް އެދުނެވެ.

"އޭނަ ނޫނަސް އަދި އެހެން ކުދިންވެސް ނުހާއަށް ވާނެޔޭ... އެކަމާ ނުވިސްނާ ދެން. ނަސީބެއްނު އޭނަގެ ހަޤީޤަތް އެނގުނުކަންވެސް. އެހެންނޫނީ ނޭނގެ ވާނެ ގޮތެއްވެސް. ކިތަންމެ ލޯބިވިޔަސް އެފަދަ މީހަކާ އެކީ ނޫޅެވޭނެ. އޭނަ އަންހެނުންނަށް އޮޅުވައިލައިގެން އެހެން މީހުން ގެންގުޅޭއިރު، ނުހާއާ އިނަސް އޭނަ އެހެން އަންހެނުން ގެންގުޅޭނެއެއްނު." އައިހަމް ބުނެލިއެވެ. ނުހާ ބޯ ޖަހައިލިއެވެ.

އައިހަމްއާ ޔޫލިންއާ ދެމީހުން އެތަކެއް ވާހަކައެއް ދެއްކިފަހުން ނުހާ ހަމައަކަށް އެޅުނެވެ. ގެއަށް ދާންވެގެން ނުހާ ތެދުވުމާއެކު އައިހަމް ވާހަކަ ދެއްކިއެވެ.

"ނުހާ!. މޫނު ދޮވެގެން ކުޑަކޮށް ރީތިވެލައިގެން ދޭ. އެހެންނޫނީ މަންމަމެން ސުވާލުކުރާނެ!" އައިހަމް އެހެން ބުނެލިއެވެ.

ނުހާ ގޮވައިގެން ކޮޓަރިއަށް ވައްދާފައި ފާޚާނާ ދައްކައިލުމަށްފަހު ޔޫލިން ނުކުތީ ބޭރަށެވެ. އޭނާ ސޯފާގައި އިށީންއިރުވެސް ހުރީ ވިސްނުމަކަށް ގެއްލިފައިކަމުން އައިހަމް ގޮވައިލިއިރުވެސް ރޭކާ ނުލިއެވެ.

"ލީން!" އައިހަމް ދެވަނަ ފަހަރަށްގޮވައިލަމުން ޔޫލިންގެ މޫނާ ދިމާލުގައި އަތް ހޫރައިލިއެވެ. އެއާއެކު ޔޫލިން ކުޑަކޮށް ސިހޭގޮތްވިއެވެ.

"ކޮން ކަމަކާ ތި ވިސްނަނީ ލީން؟" އައިހަމް ޔޫލިންއާ ކައިިރިއަށް ޖެހިލާ ޔޫލިން އޭނާއާ ކައިރިކޮށްލަމުން ސުވާލުކޮށްލިއެވެ.

"ކަމެއް ނުވޭ!" ޔޫލިން ދެފަރާތަށް ބޯ ހޫރައިލަމުން ޖަވާބު ދިނެވެ. އޭނާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަން އުޅުނުނަމަވެސް، އެކަމެއް ނުކުރެވުނެވެ.

"އަހަރެން ގާތު ބުނެބަލަ! އަހަންނަށް އެނގޭ ލީން ކޮންމެވެސް ކަމަކާ ވިސްނާކަން. އަހަރެން ކައިރީވެސް ނުބުނެވޭ ވަރުގެ ވާހަކައެއްތަ؟" އައިހަމް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫން. ވަކި އެހެންނެއް ނޫން. އައިހަމް..." ޔޫލިން އައިހަމްއަށް ބަލައިލިއެވެ. އޭނާއަށް އިތުރު އެއްޗއް ނުބުނެވި އުޅެނިކޮށް ނުހާ ނުކުތެވެ.

"ދަނީ؟ ސައި ނުބޯންނަންތަ؟" އައިހަމް ބުނެލިއެވެ.

"އާނ. ކުޑަ ކަމަކު އޮފީހަށް ގޮސް ނުކުތްފަހުން އެކަން އެނގުނީ. މަގުމަތީގައި ހުރެ ރޮވެން ފެށުމުން އަހަރެން މިގެއަށް އައީ..." ނުހާ ބުނެލިއެވެ.

"ކިހިނެއް ނުހާއަށް އެކަން އެނގުނީ؟" އައިހަމް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އޮފީހުން ދިމާވި ރައްޓެއްސެއް. އޭނަގެ ދައްތައާ އާހިލް ކައިވެނި ކޮށްގެން އުޅެނީ... އޭނައަށް އަހަންނާ އާހިލްގެ ފޮޓޯގަނޑެއް ފެނުނީ." ނުހާ ބުނެލިއެވެ.

"ދެން ނުވިސްނައްޗޭ އެކަމާ..." އައިހަމް ބުނެލިއެވެ. ނުހާ އެގެއިން ނުކުތުމާއެކު އައިހަމް އަނެއްކާވެސް ޔޫލިންއާ ކުރިމަތިލިއެވެ.

"ދެން ބުނެބަލަ!"

"މިންނުއާ އަދިވެސް އާހިލްއާ ގުޅުން އޮވޭ. އޭނަ އާހިލްއާ ބައްދަލުކުރަންވެސް ދޭ..." ޔޫލިން ބުނެލިއެވެ. އައިހަމްއަށް ވެސް ހިނދުކޮޅަކަށް އެއްޗެއް ބުނަން ނޭނގިފައި އިނދެވުނެވެ.

"ޝިޒާންއާ އިން ފަހުންވެސް މިންހާ އެ ގުޅުން ކުރިއަށް ގެންދަނީ؟" ޤަބޫލުނުކުރެވޭ ފަދައަކުން އައިހަމްއަށް ސުވާލުކޮށްލެވުނެވެ. ޔޫލިން ބޯ ޖަހައިލިއެވެ.

"ލީން ޖެހޭނެއެއްނު މިންނުއަށްވެސް އާހިލްގެ ހަޤީގަތް ކިޔައިދޭން. ހަޤީގަތުގައި ޝިޒާން އަކީ ވަރަށް ރަނގަޅު ޒުވާނެއް. މިންނުއަށްވެސް ރަނގަޅުވާނީ ހަޤީގަތް އެނގުމަށްފަހު ހުރިހާކަމެއް ހަނދާންނައްތައިލާފައި ޝިޒާންއާއެކު އުޅުނިއްޔާ." އައިހަމް ބުނެލިއެވެ.

"އަހަރެން ދާނަން މިރޭ މިންނުއާ ދިމާކުރަން." ޔޫލިން ބުނެލިއެވެ.

"ދޮންބެ އަންނަ ވާހަކަ ބުނީމެއްނު މިއަދު. ކޮން އިރަކުން އަންނަނީ؟" އައިހަމް ސުވާލުކޮށްލިއެވެ.

"އަންނާނެ ހަވީރު." ޔޫލިން ބުނެލިއެވެ.

"ހިނގާ ދެން ސައިބޯން ދާން..." ޔޫލިން ބުނެލިއެވެ. އައިހަމް ބޯ ޖަހައިލިއެވެ.

* * * * * * * * *

އެހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު މިންހާއަށް ދިޔައީ ގިސްލެވެމުންނެވެ. ޔޫލިން މިންހާގެ ކޮނޑުގައި އަތް ބާއްވައިލުމާއެކު، މިންހާ ޔޫލިންގެ ގައިގައި ބައްދައިގަތެވެ. އެވަރުންވެސް އޭނާ އެ ހަޤީގަތް ގަބޫލުކުރަން ފަސްޖެހުނެވެ.

"އެންމެ ރަނގަޅު. އަހަރެން މިންނުއަށް އޭނަ އުޅޭގޮތް ދައްކާނަން. އޭރުން މިންނު ޤަބޫލުކުރާނަންތަ؟ އަހަރެން އާހިލް އަންހެނުންނާ އެކު ނަގާފައިވާ ފޮޓޯތައް މިންނުއަށް ދައްކާނަން. އަދި ނުހާ އާ ވެސް ބައްދަލުކުރުވާނަން. އޭރުން ގަބޫލުކުރެވޭނެ. އަހަރެން ނޫޅެމޭ މިންނުއާ އާހިލްއާ ދެމެދަށް ވަންނާކަށް. އެކަމަކު ހަޤީގަތް އެނގިހުރެ އަހަރެންނަށް ކިހިނެއް މިންނު އާހިލްއާ އެކު ތި ގުޅުން ކުރިއަށް ގެންދަން ދޫކޮށްލެވޭނީ." ޔޫލިންގެ އަޑުން މިންހާއަށް ތެދުވެރިކަން އިޙްސާސްވިނަމަވެސް، އެ ހަޤީގަތް ގަބޫލުކުރަން ދެކޮޅު ހަދަމުންދިޔައީ އޭނާ އާހިލް ދެކެ ވާ ލޯތްބެވެ.

"މިންނުއަށް ހަޤީގަތް ގަބޫލުކުރެވުނީމަ، އާހިލްއާ ދުރުވާނަންތަ؟ އޭރުން ޝިޒާންއަށް އިތުރު ފުރުސަތެއް ދޭނަންތަ؟" ޔޫލިން ސުވާލުކޮށްލިއެވެ.

"އަހަރެން ޝިޒާން ދެކެ ލޯތްބެއް..."

"މިންނު އެއްފަހަރުވެސް ވިސްނާލަބަލަ! މިންނު ތިހެން ތި ބުނަނީ މިހާ ދުވަސްވިއިރުވެސް މިންނުގެ ހިތުގައި ޝިޒާންއާ މެދު ހަމަ އެއްވެސް އިޙްސާސްތަކެއް ނެތީމަތަ؟ ނޫނީ އެފަދަ އިޙްސާސްތަކެއް ހިތުގައި ވީނަމަވެސް އެކަމާ ދެކޮޅު ހަދަން މިންނު މަސައްކަތް ކުރާތީތަ؟ މިންނު ބުނެބަލަ! ޝިޒާން ނުފެނުނީމަ ހަމަ އެއްފަހަރުވެސް ޝިޒާން ކޮބާތޯ ހިތަކަށް ނާރާތަ؟ ޝިޒާން މަތިން ހަނދާނެއް ނުވޭތަ؟ ނުފެނުނީމަ ނުހޯދޭތަ؟ ޝިޒާންއާ ކައިރިވީމަ އެއްވެސް ގޮތެއް ނުވޭތަ؟ އެ ދެލޮލަށް ބަލައިލީމަ މިންނުގެ ހިތަށް ހަމަ އެއްވެސް ގޮތެއް ނުވޭތަ؟" މިންހާގެ ވާހަކަ ހުއްޓުވާ ޔޫލިން އެއްފަހަރާ އެތަކެއް ސުވާލެއް މިންހާއާ ކޮށްލިއެވެ. ޔޫލިންގެ އެ ސުވާލުތަކާއެކު މިންހާއަށް ހުއްޓުން އަރާ ގޮތްވިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު މިންހާ ވާހަކަ ދައްކަން ފެށިއެވެ.

"އާނ. އަަހަރެން ނުވޭ ލޯތްބެއް. ހަނދާން... ހަނދާނެއް ވެސް ނުވޭ!" މިންހާ ބުނެލިއެވެ.

"މިންނު ކާކަށް ތި އޮޅުވައިލަނީ. އަހަންނަށްތަ ނޫނީ މިންނުގެ އަމިއްލ ނަފްސަށްތަ؟ އަހަންނަށް މިންނުގެ ދެލޮލުން ހަޤީގަތް އެބަފެނޭ... އެއްފަހަރުވެސް ފިނިހިތަކުން ވިސްނާލަބަލަ! އޭރުން މިންނުއަށް ތި ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ!" ޔޫލިން ބުނެލިއެވެ.

އެކުވެރިޔާއަށް ކޮންމެވެސް އެއްޗެއް ވިސްނައިދެވޭތޯ ޔޫލިން މަސައްކަތްކުރިއެވެ. މިންހާއަށް އެންމެ ރަނގަޅުވާނީ އާހިލް މަތިން ހަނދާންނައްތައިލާފައި ޝިޒާންއާ އެކީ އުޅުންކަމުގައި ޔޫލިން މިފަހަރުވެސް މިންހާއަށް ހަނދާންކޮށްލަ ދިނެވެ.

"މާދަން މިންނުއަށް އާދެވޭނެތަ އަހަރެމެން ގެއަށް. އަހަރެން ނުހާ ވެސް ގެންދާނަން." ޔޫލިން ސުވާލުކޮށްލިއެވެ. ހިތުގެ ތެޅުން އިންތިހާ ބާރުވެފައިވާ ޙާލު މިންހާ ޔޫލިންއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. އާހިލް އޭނާއަށް ބޭފަވާތެރި ވެއްޖެނަމަ އޭނާގެ ހިތަށް ކެތްވާނެހެނެއް ހިޔެއް ނުވެއެވެ. އޭރުން އޭނާ އާހިލްއާއެކު ބިނާކުރި ލޯބީގެ ގަނޑުވަރު ބިމާ ހަމަވާނެއެވެ. އެ ޚިޔާލުން އެކަނިވެސް މިންހާގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ. އެހެންނަމަވެސް ހިތުގެ ކަމަކުން ޔޫލިންއަށް އިތުބާރުކުރަން ގޮވަމުން ދިޔައެވެ. އެއީ އޭނާއަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އޭނާގެ ގާތުގައި ހުންނަ އޭނާއަށް ހެޔޮއެދޭ ފަރާތެއްކަމަށާއި އޭނާއަށް ދެރަގޮތެއް ވާން ޔޫލިން ނޭދޭނެކަމަށް ގޮވަމުން ދިޔައެވެ. މިންހާ ހިތްވަރުކުރަން އެތަކެއް މަސައްކަތެއް ކުރިއެވެ.

*****

މިންހާ ހަމައަކަށް އެޅިލުމުން ޔޫލިން ދަނީކަމަށް ބުނެ ކޮޓަރިން ނުކުތުމާއެކު މިންހާގެ ދެލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވިއެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ހިތުގެ ހަަމަޖެހުން އެކީ ގެއްލި މީހާއަށް އުނދަގޫތަކެއް އިޙްސާސްވަމުންދިޔައެވެ. މެއަށް ބާރުވެ ނޭވާ ލާން ވެސް އުނދަގޫވާހެން ހީވިއެވެ.

ޔޫލިން ނުކުތްއިރު، ޝިޒާން އެ ހިސާބާ އަރާ ހަމަވަނީއެވެ.

"ލީން! ކޮން އިރަކު އައީ؟ ކޮބާ މިންހާ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"މިހާރު އިރުގަނޑެއް ވެއްޖެ އައިސް އުޅޭތާ. ދެން ގޮސްލަން މިދަނީ. މިންނު އެބައިން ކޮޓަރި ސޯފާގައި" ޔޫލިން ބުނެލިއެވެ. އޭނާ ޝިޒާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޔޫލިން ސިޑިއާ ހިސާބަށް ދިޔުމުން ޝިޒާން މިންހާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އެއަށްފަހު ދޮރު ހުޅުވައިލިއެވެ.

ދޮރު ހުުޅުވައިލިއަޑަށް އެ ދިމާލަށް ބަލައިލާފައި ސޯފާގައި އިން މިންހާ ކަރުނަ ފުހެލިތަން ރަނގަޅަށް ޝިޒާންއަށް ފެނުނެވެ. އޭނާ ކަންބޮޑުވިއެވެ.

"މިންހާ! ކިހިނެއްވީ؟" ޝިޒާންއަށް ސުވާލުކޮށްލެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުން މިންހާއަށް ކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރައިލުުމެވެ.

"ތަނަކަށް ތަދުވަނީތަ؟ ހުން އައީތަ އަނެއްކާ؟" ޝިޒާން މިންހާއާ ކައިރިވެލާފައި މިންހާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. ހުމުގެ އެއްވެސް އަސަރެއް ނެތުމުން އޭނާ އަށް ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، މިންހާ ދެރަވެފައިއިނުމުން ނުތަނަވަސްވާގޮތްވިއެވެ. އެއީ ޔޫލިން އައިސް ދިޔަފަހުން މިންހާއަށް ވެފައި އިންގޮތެއްކަން އެނގި ޝިޒާން ހައިރާންވިއެވެ. އަދި ޔޫލިންއާ މިންހާއާ ދެމެދު ދެކެވުނު ވާހަކަތައް އެނގެން އޭނާ ޝައުޤުވެރިވިއެވެ. އެހެންނަމަވެސް، އެގޮަތަށް މިންހާއާ ސުވާލުކުރާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

"ކިހިނެއްވީ މިންހާ؟" ޝިޒާންއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. މިންހާއަށް ރޮވެން ފެށުނެވެ. ޝިޒާން އޯގާތެރިިިކަމާއެކު މިންހާގެ ކަރުނަތައް ފުހެލިއެވެ. ޝިޒާންގެ އޯގާތެރިިކަމުގެ ސަބަބުން މިންހާ އިތުރަށް ހިތްދަތި ވާގޮތްވިއެވެ. ނުރޯން ހިތްވަރުކުރިނަމަވެސް، އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ.

މިންހާ ރޯން ފެށުމުން ޝިޒާން މަޑުމަޑުން މިންހާ ގެެނެސް މިންހާގެ ގައިގައި ބައްދައިލިއެވެ.

(ނުނިމޭ)