23 Feb 2022, 07:45
މާދަމާ ބާއްވަން ހަމަޖެހިފައި އޮތް ޑިސްއެބިލިޓީ ކައުންސިލްގެ އިންތިޚާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.
އެ އިންތިޚާބު ފަސްކުރުމުން ގިނަ ކެންޑިޑޭޓުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު "ސަން"އަށް މައުލޫމާތުދެމުން ބުނީ އިންތިޚާބު ފަސްކުރީ 35 ރަށެއްގައި ވޯޓުލުން ކުރިއަށް ނުގެންދެވޭނެކަމަށް އެ ރަށްރަށުގެ ކައުންސިލުން ބުނުމުން ކަމަށެވެ. މިނިސްޓްރީން ފުރަތަމަ ނިންމީ އެ ރަށްތަކުގައި ވޯޓުލުން ނުބާއްވައި އިންތިޚާބު ކުރިއަށްގެންދާށެވެ.
ނަމަވެސް އޭގެތެރޭގައި ކުޅުދުއްފުށި ސިޓީ އަދި ލ. ގަން ފަދަ ބޮޑެތި ރަށްތައް ހިމެނޭތީ އިންތިޚާބު ފަސްކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
"ކުޅުދުއްފުއްޓާއި ލ. ގަން ފަދަ ބޮޑެތި ރަށްތަކުގެ ކައުންސިލްތަކުން ވެސް އިންތިޚާބު އެ ތާރީޚުގައި ނުބޭއްވޭނެ ކަމަށް ބުނުމުން އިންތިޚާބު ފަސްކުރީކަމަށް މިނިސްޓްރީން ބުނަނީ. މި އިންތިޚާބު ލަސްވުމުގައި ރަށްތަކުގެ ކައުންސިލްތަކުގެ އިހުމާލު ވަރަށް ބޮޑު. އަޅުގަނޑުމެން ވަރަށް ބޮޑު ޚަރަދެއް ކޮށްފިން ކެމްޕެއިނަށް. މިއީ ވަރަށް ދެރަކަމެއް. މިވަރު ބޮޑު ޚަރަދެއް ކޮށްފައި ވަނިކޮށް އިންތިޚާބު ފަސްކުރުމަކީ،" އޭނާ ބުންޏެވެ.
އެ އިންތިޚާބާ ދިމާކޮށް ގިނަ ކެންޑިޑޭޓުން ވަނީ ކެމްޕެއިނަށް ގިނަ ޚަރަދުތަކެއް ކޮށްފައެވެ. އެގޮތުން ބައެއް މީހުންވަނީ ކެމްޕެއިނުކުރުމަށް ރަށްރަށަށް ގޮސް، ކެމްޕެއިން ޓީމުތައް ވެސް އެކުލަވާލައިފައެވެ. އެހެންކަމުން އިންތިޚާބު ފަސްކުރުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭކަމެއް ކަމުގައި އެމީހުން ބުނެއެވެ.
އެ އިންތިޚާބާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން އެކަށީގެންވާގޮތެއްގައި ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުންނުދާ ކަމަށް ވެސް ކެންޑިޑޭޓުން ބުނެއެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން"އިން ކުރި މަސައްކަތުން މިހާތަނަށް އެ މިނިސްޓްރީގެ ބަހެއް ލިބިފައިނުވެއެވެ.