ގއ. ވިލިނގިލީގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ގުދަނަކާއި ގޯތިތެރޭގައި ހުރި ވަރަށް ގިނަ މުދާ އަނދައި ހުލިވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ރޭ ދަންވަރު 2:30 އެހާކަށް ހާއިރު ވިނލިގިލީ ވިޝަން، ގޯތިތެރޭގައި ހުރި ގުދަނެގައި އަލިފާން ރޯވެ އެ ގުދަނުގައި ހުރި މުދާތައް އަނދާ ހުލިވެފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އަލިފާނުގެ އެ ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެހާދިސާ ހިނގިގޮތުގެ ތަފުސީލު ދަންނަވަން އަދި އަވަސްކަމަށެވެ.

ރޯވި ގުދަނުގެ ވެރިފަރާތް، މުހައްމަދު ބުޝްރީ ވިދާޅުވީ އޭނާގެ ފިހާރަތަކަށް ގެންނަ މުދާ ރައްކާ ކުރާ ގުދަނުގައި ރޭ ދަންވަރު ރޯވެ ގުދަން އަދައިގެން ދިޔައިރު ގުދަނުގައި ހުރި ހުރިހާ މުދަލެއް އަނދާ އަޅިޔަށްވެފައިވާ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށެވެ.

ވިލިގިލީގައި ދެ ފިހާރައެއް ހިންގަމުން އަންނަ ވިޔަފާރިވެރިޔާ ބުނީ ގުދަނުގައި އަލިފާން ރޯވިކަން އެގުނީ ރޭ ދަންވަރު ކަމަށާއި ގުދަނުގައި ރޯވީ ކިހިނެއްކަން ބުނަން ނޭނގޭ ކަމަށާއި ރޯވި އަލިފާންގަނޑު ނިންވާލީ ފުލުހުންނާއި އާއްއްމުން ކަމަށެވެ.
"އެގުދަނުގައި ހުރި މުދާ އަގު ކުރާކަމުގައިވަނީނަމަ ތިން މިލިއަން ރުފިޔާއަށްވުރެ މައްޗަށް ދާނެ. އެ ގުދަނުގައި ހުންނާނީ ދެ ފިހާރައިގެ ވަރަށް ގިނަ އަދެއްގެ މުދާ. އެތަނުގައި ހާޑުވެއާ ސާމާނު ވަރަށް ގިނަ އަދަދަކަށް ހުންނާނެ. އޭގެ އިތުރަށް ގުދަނުގައި ސައިކަލަކާއި، 85 ހޯސްޕަވަރުގެ އައުޓު ބޯޑް އިންޖީނެއްގެ އިތުރުން ކޮންކްރީޓް މެޝިނެއް ވެސް ހުންނާނެ،" ބުޝްރީ ވިދާޅުވި އެވެ.

ވިލިނގިލީ ރަށު ކައުންސިލްގެ ރައީސް ސައުދު ހުސައިން ވިދާޅުވީ އަލިފާނުގެ ހާދިސާ މައުލޫމާތު ލިބުމުން ރައްޔިތުން ނުކުމެ ގުދަނުގައި ހިފާފައިވާ އަލިފާންގަނޑު ނިންވަން މަސައްކަތް ކުރިނަމަވެސް އެއްކޮށް ގުދަން އަދާ ހުލިވެފައިވާ ކަމަށެވެ.

"ރައްޔިތުން މަސައްކަތްކުރި ގުދަނުގައި ހިފާފައިވާ އަލިފާންގަނޑު ނިއްވާލެވޭތޯ. އެކަމަކު އަލިފާން ނިންވުނުއިރު ގުދަނުގައި ހުރި ހުރިހާ އެއްޗެއްވަނީ އަނދާ ހުލިވެފަ،" ސައުދު ވިދާޅުވި އެވެ.

ސަން އޮންލައިނަށް އެނިގިފައިވާ ގޮތުގައި އަނދައިގެން ދިޔަ ގުދަނުގެ ވެރިފަރާތްކަމުގައިވާ ބުޝްރީއަކީ ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.