ގޭގައި އަންހެނުން ކުރާ މަސައްކަތް ބަލައިގަނެ ފިރިހެނުން އެކަމުގައި ބައިވެރިވާންޖެހޭ: މެޑަމް ފަޒްނާ
ގޭގައި އަންހެނުން ކުރާ މަސައްކަތް ބަލައިގަނެ ފިރިހެނުން އެކަމުގައި ބައިވެރިވާންޖެހޭ: މެޑަމް ފަޒްނާ

ގޭގައި އަންހެނުން އަދާކުރާ ދައުރު ބަލައިގަނެ ފިރިހެނުން އެކަމުގައި ބައިވެރިވާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.

"ގެވެށި ގުޅުން" ކެމްޕޭނުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ތައްޔާރުކޮށް ނެރުނު މަޖައްލާ "ސާސްތުރަ" ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން މިއަދު އެކަމަނާ ވިދާޅުވީ ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާކަމެއް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުންކަމަށްވާތީކަމަށެވެ. އަދި އޯގާތެރިވުމާއި އަޅާލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫންކަމަށާއި ގޭގައި އުޅޭ ކޮންމެ މީހެއްގެވެސް ދައުރެއް އެކަމުގައި އޮންނަންވާނެކަން ގަބޫލުކުރަންޖެހޭކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

"ގޭގައި އުޅޭ އެންމެން ފިރިހެން މީހާވެސް އަންހެން މީހާވެސް ކުދިންވެސް އެންމެންވެސް ގަބޫލުކުރަން ޖެހޭ ގޭތެރޭގައި މިއޮންނަ ކެއަރިން ރޯލަކީ ހަމައެކަނި އަންހެންމީހާގެ ނޫނިއްޔާ އަންހެން ކުއްޖާގެ އެކަނި ރޯލެއް ނޫންކަން. ގޭގަ އުޅޭ އެންމެން ފިރިހެނުންނާ ހުރިހާ އެންމެން ޝާމިލްވާ ޖެހޭ. ދެން ހަމަ އެއާ އެއްވަރަށް އަންހެންމީހާ ގޭތެރޭގައި އެ ކޮންޓްރިބިއުޓް ކުރާ ލެވެލް ފިރިހެން މީހާ ބަލައިގަންނަން ޖެހޭ،" އެކަމަނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ އަޑުއެހުމުގެ އަގުވަޒަންކުރާ ބަދަހި ގެވެށިގުޅުމެއްގެ ސަބަބުން ގާނޫނާއި ގަވާއިދަށް ވެސް އެކަމުން އެދެވޭ އަސަރުކުރާނެކަމަށެވެ. އަދި ބަދަހި ގެވެށި ގުޅުމެއްގެ ސަބަބުން މުޖުތަމައުއަށް މަސައްކަތްތެރި އަންހެނުން ނުކުންނަ މިންވަރު ވެސް އިތުރުވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ގެވެށިގުޅުން" ކެމްޕޭނާ ގުޅޭގޮތުން އެކަމަނާ ވިދާޅުވީ އެ ކެމްޕެއިނުގެ ސަބަބުން މުޖަތަމައުގައި ގެވެށި ގުޅުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުވާނެކަމަށެވެ.

އެ ކެމްޕޭނުގެ ދަށުން ނެރުނު "ސާސްތުރަ" މަޖައްލާއަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރި މަޖައްލާއެކެވެ. އެ މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު އެކުލެވޭ އާޓިކަލްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އެ މަޖައްލާގައި ހިމެނެއެވެ.