ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރި ސާމްޕަލްތަކުން އިތުރު 796 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 796 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 4،171 ސާމްޕަލް ޓެސްޓްކޮށްގެންނެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އެ އަދަދަކީ 669 އެކެވެ. މާލެ ސަރަހައްދުން 1،115 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ 73 މީހުނެވެ. ރިސޯޓްތަކުން 22 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 166،525އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،211 މީހުން ތިބިއިރު އޭގެ ތެރެއިން 25 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.