ވިޓަމިންއާއި ފައިބާ އަދި އެންޓިއޮކްސިޑެންޓް އެކުލެވޭ އާފަލަކީ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ މޭވާއެކެވެ.

ފަހުގެ ދިރާސާއެއްގައި ވަނީ އަށް ހަފްތާވަންދެން ދުވާލަކު ދެ އާފަލު ކޭ މީހެއްގެ ކޮލެސްޓްރޯލް ލެވަލް އާފަލު ނުކާމިހުންނާ އަޅާބަލާއިރު ބޮޑު ތަނުން ދަށްވެފައިވާކަމަށެވެ. މީގެ އިތުރުން އާފަލު ކެއުމުގެ ސަބަބުން ލޭގެ ޕްރެޝަރުވެސް ދަށްވެއެވެ.

ވިމެންސް ހެލްތް ސްޓަޑީސް އިން ހަތް އަހަރުގެ މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ ދިރާސާއަކުން ދައްކާގޮތުން ދުވާލަކު އާފަލެއް ކާ އަންހެނުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގެ ފުރުސަތު 22 ޕަސެންޓް އިތުރެވެ. މީގެ އިތުރުން، އާފަލު އަދި ޕެއާސް ފަދަ މޭވާ ކާ 52 ޕަސެންޓު މީހުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

އާފަލަކީ ބަރުދަން ދަށްކުރުމަށްވެސް އެހީތެރިވެދޭ މޭވާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގެ ކުރިން އާފަލު ފޮއްޗެއް ކާމީހުންގެ ބަނޑުފުރޭލެއް އާފަލު ޖޫސް ބޯމީހުންނަށްވުރެން އަވަހެވެ. މިކަމުގެ ސަބަބުން ކާ އެއްޗެހީގެ މިންވަރު ކުޑަވެއެވެ.

ބަރުދަން ލުއިކުރަން ބޭނުންވާނަމަ އެންމެ ކާން ރަނގަޅީ ފެހި އާފަލެވެ. ސަބަބަކީ ފެހި އާފަލުގައި ކާބޯހައިޑްރޭޓްސް އެކުލެވޭ މިންވަރު ކުޑަވުމުގެ އިތުރުން ރަތް އާފަލާ އަޅާ ބަލާއިރު ފައިބާ ވެސް ގިނައެވެ.

އާފަލުގައި ކެންސަރާ ހަނގުރާމަކުރާ "އެންޓިއޮކްސިޑެންޓް"އެއް އެކުލެވިގެން ވެއެވެ. ދިރާސާތަކުން ދައްކަގޮތުން، އެހެން މޭވާތަކާ އަޅާ ބަލާއިރު އާފަލު ކާ މީހުންނަށް ކެންސަރުު ޖެހުމުގެ ފުރުސަތު ކުޑައެވެ.

ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރަން ބޭނުންނަމަ ދުވާލަކު މަދުވެގެން އެއް އާފަލު ކެއުމަކީ މުހިންމު ކަމެކެވެ.