"ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަން, ދެ އަހަރެއްހާ ދުވަސް ފަހުން އުވާލައްވައިފިއެވެ.

ފަސް މެންބަރުންނާ އެކު އެ ކޮމިޝަން އުފެއްދެވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. އެ ކޮމިޝަން ރައީސް އުފެއްދެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައެވެ.

ރައީސް ޞާލިހު އެ ކޮމިޝަން އުވާލައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ, ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނުގެ މަސައްކަތް ނިންމަވާފައިވާތީ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއެވެ.

އެ ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރު ކުރުން ކަމަށް އޭރު ރައީސް އޮފީހުން ވަނީ ބުނެފައެވެ.