26 Feb 2022, 09:34
އޭނާ އުޅުނީ އައިޒަކްގެ ނަޒަރުން ސަލާމަތްވެގެން ގޮސް ކޮޓަރިއަށް ވަންނާށެވެ. އައިޒަކް އިރަމްގެ އުނަގަނޑުގައި ދެއަތް އަޅުވައިލާފައި، އޭނާގެ ގާތަށް ދަމާލީ ހުށިޔާރުކަމާއި އެކުގައެވެ. އިރަމް ގޮސް އައިޒަކްގެ ގައިގައި ތަތްވުމާއިއެކު، ދާދި ފަސޭހައިން އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. ނުވިސްނާ ހުރި އިރަމްގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
********
"ކީއްވެ ތި ދަނީ؟..." އިރަމްގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލަމުން އައިޒަކް ސުވާލުކުރިއެވެ.
އިރަމްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"އެއް..ޗެހި ބަދަލު..ކުރަން..." އިރަމް އުނދަގޫ ގޮތަކަށް ބުނެލިއެވެ.
"ކީއްވެ އެހާ އަވަހަށް ދަނީ؟... އަދި ރަނގަޅަށް ބަލާވެސް ނުލެވެއޭ... އެހާ ލޯބިވާ ކުއްޖަކު މިހާ ރީތިވެގެން އައީމަ، ފޮނުވާނީ ކިހިނެތް..." އައިޒަކް ތައުރީފުކޮށްލިއެވެ.
އިރަމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަވަހަށް ތިރީ ތުންފަތުގައި ދަތްއަޅާލީ އެ ހިނިތުންވުން ސިއްރުކުރުމުގެ ގޮތުންނެވެ. އައިޒަކްގެ ތައުރީފުގެ ބަސްތަކުން އިރަމްގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.
ކުޑައިރުކޮޅަކު އެގޮތުގައި ހުރެފައި، އައިޒަކް އިރަމްއާއި ދުރަށްޖެހުނެވެ. އިރަމް އޭނާ އާއި ވީ ފަރާތަށް އަނބުރުވައިލާފައި އަތުގައި ހިފައިލިއެވެ. އައިޒަކްގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން، އޭނާ މުހިއްމު ވާހަކައެއް ބުނަން އުޅޭހެން އިރަމްއަށް ހީވިއެވެ. އެ ވާހަކައެއް ބުނަން ތައްޔާރުވެލި ފަދައަކުން އައިޒަކް ފުން ނޭވާއެއްވެސް ދޫކޮށްލިއެވެ. އެހެނަސް އިސާހިތަކު އެ ހިޔާލު ބަދަލުވިކަން އޭނާގެ ތުންފަތަށް ވެރިކުރުވި ހިނިތުންވުމުން އިރަމްއަށް އެނގުނެވެ.
"ހިނގާ ކާން... ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ..." އައިޒަކް އެދުނެވެ.
ކެއުން ތައްޔާރުކޮށްފައި އޮތީ ޓެރެސްގައެވެ. ކާމޭޒުމަތީގައި ބަހައްޓާފައިވާ އުއްބައްތިތަކުން ތަނަށް ވެރިވެފައިވަނީ އޮރެންޖު އައްޔެކެވެ. އެ އުއްބައްތިތަކުގެ މީރުވަސް މުޅި ތަނުގައި ހިފާލާފައި ވިއެވެ. ފެނުކައްކާފައި ހުރި ތަރުކާރީގެ އިތުރުން މޭވާގެ ބާވަތްތައް ހުރީ ކޮށާފައެވެ. އޭގެ އިތުރަށް އޮތީ، ތެލުލާފައި އޮތް ދެ ކުކުޅުފައެވެ. އިރަމްއަށްޓަކައި އައިޒަކް އެ ހުރިހާ ކަމެއް ކުރީ، ކުރާހިތުންނެވެ. އެކަން އިހުސާސްކުރެވުނު ފަދައިން އިރަމް އައިޒަކަށް ބަލައިލީ، ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.
ކައި ނިންމާލިގޮތަށް ދެމީހުން ގޮސް ހުއްޓިލީ ރެއިލިންގެ ކައިރީގައެވެ. ޖެހެމުންދިޔަ ފިނި ރޯޅިތަކުން އިރަމް ހުރީ ހީކަރުވާގޮތް ވެފައެވެ. އައިޒަކް އެތެރެއަށް ވަދެފައި އެނބުރި އައިއިރު، އޭނާގެ އަތުގައި ކުޑަ ފޮށްޓެއް އޮތެވެ. ފޮށީގައި އޮތީ ރަން ފަށެކެވެ. ފަށުފުލުގެ މެދުގައި އަލިމަހެއް ލާފައިވާއިރު، އަލިމަހުގެ ދެފަރާތުގައި ދެ އަކުރު ލިޔެލާފައި އޮތެވެ.
"މީ އަހަރެންގެ މަންމަގެ އެއްޗެއް... މަންމައަށް މާމަ ދިން ފަށެއް..." މަންމަގެ ވާހަކަ ފެށުމާއިއެކު އައިޒަކްގެ ދެލޯ ފެންކަޅިވިއެވެ. "އަހަރެމެން ކުޑައިރު، މަންމަ ހެއްދި ފަށުފުލެއް މީ..."
އައިޒަކް އޭނާގެ ބޮޑުވައި އިނގިލިން ފަށުފުލުގައި ފިރުމައިލިއެވެ.
"މަންމަގެ އެންމެފަހު ވަގުތުކޮޅު.. އެދުނީ.. މިފަށް.. އިރަމްއަށް ދޭން..." އައިޒަކަށް ވާހަކަ ދައްކަން އުނދަގޫވީ މާޒީގެ އެދުވަސް ހަނދާނަށް އައުމުންނެވެ.
އައިޒަކްގެ އަތުގައި އޮތް ފަށުން، އޭނާގެ މޫނަށް ނަޒަރު ހުއްޓުމާއިއެކު އިރަމްގެ ދެލޯ ފެންކަޅިވިއެވެ. އައިޒަކްގެ ހިތަށް ކޮށްފައިވާ އަސަރު އެމޫނުން ރީތިކޮށް ފެންނަމުން ދިޔައެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް، އައިޒަކް ހުރީ އިންތިހާއަށް ހިތުގައިޖެހިފައިކަން އިރަމްއަށް އެނގުނެވެ. އިރަމްއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އެ މަންމަ ދުނިޔޭގައި ހުއްޓައި، އޭނާ އައިޒަކަށް ކެހި ދިނީއެވެ. އެފަދަ ކަމެއް ދިމާވުމުން، މަޔެއްގެ ހިތުގައި ކިހާ ވޭނެއް އަޅާނޭ ހެއްޔެވެ؟ އައިޒަކްގެ މަންމަ އިރަމްދެކެ އެހާ ލޯބިވީއިރު، އެ މަންމަގެ ލޯބިވާ ދަރިފުޅަށް އިރަމްއަށް ދެވުނީ ހިތާމައެވެ.
"މާފުކުރޭ މަންމާ..." އިރަމްއަށް ހިތާއިހިތުން ބުނެވުނެވެ.
"މަންމަ ދުނިޔެއިން ވަކިވެގެން ދިޔައީ އިރަމްއަށް މާފުކޮށްފަ..." އިރަމްގެ ހިތުގެ އަޑު އިވުނު ފަދައަކުން އައިޒަކް ބުނެލިއެވެ. އޭނާގެ އަޑު ވަނީ ކުރެހިފައެވެ.
"ކިހާ އޯގާތެރި މަންމައެއްދޯ؟..." ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން އައިޒަކް އިރަމްއަށް ބަލައިލިއެވެ.
އިރަމްގެ ލޮލަށް ބޮނޑިވެގަތް ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަންނާކަށް ގިނައިރެއް ނުނެގިއެވެ. ޖަޒުބާތުގައިޖެހި، އިރަމް އިސްޖަހައިލީ، މުޅި ދުނިޔެވެސް އޭނާއަށް މަލާމާތް ކުރާހެން ހީވުމުންނެވެ.
"ދެރަނުވޭ.. މަންމަ ދުނިޔޭގަ ނެތަސް، މަންމަގެ އެދުން އިރަމް ފުރިހަމަކޮށްދީފި..." އިރަމްގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަދެމުން އައިޒަކް ބުންޏެވެ.
"ތޭންކް ޔޫ..." އިރަމް ކުއްލިއަކަށް އައިޒަކްގެ މޭގައި ބޮނޑިވެލިއެވެ.
އިރަމް ގިސްލަމުން މަޢާފަށް އެދެމުން ދިޔައެވެ. ކުރެވުނު ކަންތަކާއި މިއަދު އޭނާ ހިތާމަކުރެއެވެ. ދެރަވެއެވެ. އެ މަންމައާއި އަލުން ބައްދަލުވާނެނަމައޭ އިރަމްގެ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް އެއީ މާޒީއެވެ. ކިތަންމެ ބޭނުންވިޔަސް، ވެދިޔަތަނެއް އަނބުރާ އިއާދައެއް ނުކުރެވޭނެއެވެ.
"މަންމައަށް އެނގޭއޭ އަހަރެން އިރަމް ނޫން ކުއްޖަކާ ނީންނާނެކަން..." އިރަމް ހަމައަކަށް އަޅުވަން އައިޒަކް އޭނާގެ ރާގު ބަދަލުކޮށްލިއެވެ. "މަންމަ ވަރަށް ބޭނުންވި މަންމަ ދުނިޔޭގަ ހުއްޓާ، އަހަރެމެން ކައިވެނިކުރަން... މަންމަގެ އަތުން މި ފަށް އިރަމްގެ ކަރުގަ އަޅުވަދޭން ވަރަށް ބޭނުންވެގެން އުޅުނު..."
"ސޮރީ... ސޮރީ..." މަޢާފަށް އެދުން ފިޔަވައި އިރަމްއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
އިރަމް ދުރުކޮށްލައި ދެކޯތާފަތުގައި އަތް ޖައްސައިލި އައިޒަކް އެ މޫނަށް ބަލައިލީ ނުހަނު ލޯބިންނެވެ.
"ބަލާބަލަ، މޫނުކޮޅު ހަޑިކޮށްލީއޭ..." އިރަމްގެ ކޯތާފަތް ފޮހެލަދެމުން އައިޒަކް ބުނެލިއެވެ.
އައިޒަކް ފަށް އަޅުވާލަދިނުމުން، އިރަމްގެ ރުއިން ވީ އިތުރެވެ. އަމިއްލަ މަންމަގެ ފަރާތުން ނުލިބުނު ލޯތްބާއި އޯގާތެރިކަން އައިޒަކްގެ މަންމަގެ ފަރާތުން ލިބުނުކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދަނީއެވެ. އިރަމް އެންމެ ދެރަވީ، އެފަދަ މަތިވެރި ލޯތްބެއްވި މައެއްގެ އެންމެ ބޮޑު އެދުން އެ މަންމަ ދުނިޔޭގައި ހުއްޓާ ފުރިހަމަކޮށް ނުދެވުމުންނެވެ.
އިރަމް މާ ވަރަށް ރޯންފެށުމުން އައިޒަކް ކަންބޮޑުވިއެވެ. އިރަމް ގެންގޮސް މޭގައި ޖައްސާލާފައި ބޮލުގައި ފިރުމައިލިއެވެ. އަނެއް އަތުން ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
"ހިނގާ އެތެރެއަށް... މާ ބޮޑަށް ފިނިވެދާނެ..." އައިޒަކް ބުނެލިއެވެ.
********
އާދައިގެމަތިން އައިޒަކްގެ ކާރު އޮފީސް ދޮރުމައްޗަށް މަޑުކޮށްލުމާއިއެކު، އިރަމް ފޭބިއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް އިރަމް އާއި އެކުގައި އައިޒަކްވެސް އޮފީހަށް ވަނުމަށް ހިނގައިގަތެވެ.
"ޕާކުކުރަން ނުދަނީތަ؟..." އިރަމް ކަންބޮޑުވެފައި އަހައިލިއެވެ.
"މާކް ކައިރީ ބުނެފިން ޕާކުކޮށްލަން... އޭނަ އެބައާދޭ..." އައިޒަކް ހުރީ ހަމަޖެހިފައެވެ. "ދެން ކޮންމެ ދުވަހަކުވެސް، އަހަރެން ބޭނުންވަނީ އަހަރެންގެ އަންހެނުންނާއެކީ އޮފީހަށް ވަންނަން..."
އިރަމް ހުއްޓުނެވެ. މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އެއްވެސް މުވައްޒަފަކަށް އެ ދެމީހުން އެކުގައި ފެންނާކަށް އޭނާ އަދިވެސް ބޭނުމެއް ނުވެއެވެ. ކުއްލިއަކަށް އެންމެންނަށް ހަގީގަތް އެނގުމުން، އިރަމްއަށް ވަޒީފާގައި ހުންނަން އުނދަގޫވާނެއެވެ. މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެއޭ އިރަމްގެ ހިތް ބުންޏެވެ. އިރަމްއަށް ވީގޮތް އައިޒަކަށް ފާހަގަނުވެއެއް ނުދިޔައެވެ. ކީއްވެކަންވެސް އެނގުނެވެ.
"މާކް އައީމަ ތަޅުދަނޑި ހަވާލުކޮށްލައްޗޭ..." އިރަމްގެ އަތަށް ތަޅުދަނޑި ލައިދެމުން އައިޒަކް ބުންޏެވެ. އޭނާ އިރަމްއަށްވުރެ ކުރިން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޮފީހަށް ވަނެވެ.
އައިޒަކް ދިޔަތާ އިރުކޮޅެއްފަހުން، އިރަމް އޮފީހަށް ވަންނަން ހިނގައިގަތެވެ. ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުމުން އިރަމް ފަސްއެނބުރި ބަލައިލިއެވެ. އޭރު ޒިވިއަން ސައިކަލު ޕާކުކުރަނީއެވެ.
"އަހަރެން އަންނަންދެންތަ މަޑުކޮށްގެން ތިހުރީ؟..." ޒިވިއަން އަހައިލީ އެކުވެރި ރާގަކަށެވެ.
"ނޫން..." އިރަމް ބޯ ހޫރައިލިއެވެ.
ޒިވިއަންގެ ނަޒަރު އިރަމްގެ ކަރުގައި އަޅާފައި އޮތް ފަށަށް ހުއްޓުމާއިއެކު މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. އޭނާއަށް ދުވަހަކުވެސް އެ ފަށެއް ނޯޅޭނެއެވެ. ފަށުގެ ފުލުގައި ލާފައިވާ އަލިމަހުގެ ތިރީގައި ޖަހާލާފައިވާ ދެ އަކުރުންވެސް އޭނާއަށް އެކަން ޔަގީންވިއެވެ. އެއީ އޭނާގެ މަންމަގެ ފަށެކެވެ. އެކަމަކު އެ ފަށް އިރަމްއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ ޒިވިއަންގެ ހިތުގައި ހަގީގަތް ހޯދުމަށް ޝައުޤުވެރިކަން އުފެދުނެވެ. އޭނާ އިރަމް އާއި ބައްދަލުވުން އެއީ އިއްތިފާގަކަށް ވެދާނޭ ހެއްޔެވެ؟
އިރަމްގެ އިންތިޒާރުގައި ސުހާ ހުރީ، ދެކޮޅަށް ހިނގާލަހިނގާލައެވެ. ޒިވިއަން އާއިއެކު އޮފީހަށް ވަން އިރަމް ފެނުމުން އޭނާ ދެލޯ ބޮޑުކޮށްލިއެވެ. ޒިވިއަންއަށް ނުފެންނާނޭހެން އޭނާ އިރަމްއަށް ހަނާއަޅަމުން ދިޔައެވެ. އަތުން ހިތެއްގެ ބައްޓަން ހަދައި އިރަމްއަށް ދައްކަމުން ދިޔައެވެ. އިރަމްމެން ލިފްޓަށް ވަނުމާއިއެކު، ސުހާ އެނބުރުނީ ކައުންޓަރުގައި އިން ކުއްޖާގެ ކައިރީގައި އެއްޗެއް ބުނާށެވެ. އޭނާ ސިއްސައިގެން ދިޔައީ، ދާދި ގާތުގައި ހުރި އައިޒަކް ފެނުމުންނެވެ.
އައިޒަކް ހުރީ އިންޒާރުގެ ބެލުމަކުން ސުހާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ސުހާ ގަދަކަމުން ހީލި ނަމަވެސް، އައިޒަކްގެ މޫނުން އިތުރު އަސަރެއް ނުފެނުނެވެ. ހާސްވެގެން ސުހާގެ މުޅި މޫނުން ދާ ހިއްލައިލިއެވެ. ހެނދުނުގެ ސަލާން ކިޔާފައި އަވަހަށް އެތަނުން ފިލުމަށް ސުހާގެ ހިތް ބުންޏެވެ.
"ގުޑް ސަލާމް ބޮސް..." ސުހާ އަވަހަށް ލިފްޓާއި ދިމާއަށް ހިނގައިގަތެވެ.
ސުހާއަށް ބުނެވުނު އެއްޗެއް ރޭކައިލީ، ލިފްޓަށް ވަދެ ހަމަޖެހިލެވުމުންނެވެ. އޭނާ އިތުރު ނުތަވަސްކަމެއްގެ ތެރެއަށް ދިޔައެވެ. އިރަމްގެ ކެބިންއަށް ވަންއިރު، ސުހާއަށް އެތަނުގައި ޒިވިއަން އިންކަން ނުވެސް އެނގެއެވެ.
"އަހަރެން މުޅީން މޮޔަކޮށްލައިފި... ދެން ހަދާނެ ގޮތެއްވެސް ނޭނގެ..." ސުހާ ގޮސް އިރަމްގެ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނދެ، މޭޒުގައި ބޯ އަޅައިލިއެވެ. ކުޑަކުއްޖެއްހެން، ދެފައި ތަޅުވައިގަތެވެ.
އިރަމްއަށް ބަލައިލެވުނީ ސުހާގެ ފަހަތުގައި އިން ޒިވިއަންއަށެވެ. ޒިވިއަންގެ ނަޒަރު އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑަށް ހުއްޓިފައިވާތީ ފެނުމުން އިރަމް އަވަހަށް ސުހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
"ހިނގާ ބޭރަށް..." އިރަމް ބުނެލިއެވެ.
"ކެރޭތަ ބޭރަށް ނުކުންނަން... އިރޫ... ބޮސް އަހަރެން ރެޑް ހޭންޑްކޮށް ހިފައިފި..." ސުހާ އޭނާގެ މޫނު ދެއަތުން ފޮރުވިއެވެ.
"ކޮންތާކުން؟... ކީއްވެ؟..." އިރަމް ހާސްވެފައި އަހައިލިއެވެ.
"ދެންމެ އަހަރެން އެހުރިހާ ވައްތަރެއް ޖެއްސިއިރު ބޮސް ހުރީ ބަލާށޭ..." ސުހާ ބުނެލިއެވެ. "ހާދަ ފާޑަކަށޭ ބަލަން ހުރީ... ޑްރެގަންއެއްހެން... ލޮލުން އަލިފާންގަނޑެއްވެސް ބުރުވާލިހެން ހީވީ..."
"ހަމަޖެހިބަލަ... އެއީ އެވަރު ކަމެއް ނޫނޭ..." އިރަމް ސުހާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"ހަމަޖެހެވޭނީ ކިހިނެއް؟... ޒިވިއަން ފެންނައިރަށް އެހެންދިމާއަކަށް ނުބެލޭ... އެހާ ސްމާޓް... ތި ދެމީހުން ސެޓްކުރުވަން ހަދައިގެން ހުރިހާ ލަނޑެއް މި ލިބުނީ އަހަންނަށް..." ސުހާ ބުނެލިއެވެ.
"ޝްޝްޝް..." އިރަމް އޭނާގެ ލޮލުގެ އިޝާރާތުން ފަހަތުގައި އިން ޒިވިއަން ދައްކަން މަސައްކަތްކުރިއެވެ.
"އިނގޭތަ، ހާސްވެގެން އަހަންނަށް ބުނެވުނީ ކީކޭ ކަން..." ސުހާ ކުއްލިއަކަށް މޭޒުގައި ޖަހައިލިގޮތުން އިރަމް ދިޔައީ ސިއްސައިގެންނެވެ. "ގުޑް ސަލާމް ބޮސް...."
އިރަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނުހޭން ކެތްކޮށްލައިގެން އިން ޒިވިއަންއަށްވެސް ހެވުނެވެ. ޒިވިއަންގެ އަޑު އިވުމުން، ސުހާ ފަސްއެނބުރި ބަލައިލީ ބިރުން އިނދެއެވެ. ޒިވިއަން ފެނުމުން، ސުހާއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނުކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިޔައެވެ.
(ނުނިމޭ)