22 Feb 2022, 17:32
މާލެއަށް ލޯންޗު ފެރީތައް ލަފާފުރާ ސަރަހައްދަށް ގެނައި ބަދަލާއެކު ޓްރެފިކް ތޮއްޖެހުން އިތުރުވާތީ، އެކަން ކުރިން އޮތް ގޮތަށް، އެމްއެމްއޭ ކުރިމައްޗަށް ބަދަލުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "ސަން"އަށް ވިދާޅުވީ އެ ބަދަލު ގެނައީ ޓްރެފިކް ތޮއްޖެހުން އިތުރުވާކަމުގެ ޝަކުވާ ލިބުމާއެކު، ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.
"ފަހުން ގެނެވުނު ބަދަލާ އެކު، މީހުން ވެސް ގުޅީމަ ގޮސް ކައުންސިލުގެ ޓީމުން ބެލިބެލުމުން ފާހަގަވީ، މާ ބޮޑަށް ޓްރެފިކް ތޮއްޖެހޭކަމަށް،" ޝިއުނާ ވިދާޅުވިއެވެ.
މިމަހުގެ ކުރީކޮޅު، ކައުންސިލުން ލޯންޗު ފެރީތައް ފުރާ ސަރަހައްދު ބަދަލުކުރީ ނަސަންދުރާ ކުރިމަތީ ޖެޓީއަށެވެ. އޭރު ކައުންސިލުން ބުނީ އެ ބަދަލު ގެނައީ އެމްއެމްއޭ ސަރަހައްދު ބާޒާރު މައްޗާ ކައިރިވުމުން، ކޮންމެ ދުވަހަކު އެ ސަރަހައްދުގައި ޓްރެފިކް ބޮޑުވާތީ ކަމަށެވެ.
ނަމަވެސް ކައުންސިލުގެ ބަދަލާ އެކު ވެސް ގިނަ ލޯންޗުތައް ކައިރި ކުރަމުން ދިޔައީ ބޭންކް އޮފް ސިލޯނު ސަރަހައްދަށް ކަމުން، އެ ސަރަހައްދުގައި ޓްރެފިކުގެ މައްސަލަ އިތުރަށް ބޮޑުވެ، އާންމު ކަންބޮޑުވުމަކަށް ވިއެވެ.