22 Feb 2022, 14:50
ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލިތާ ހަތަރު އަހަރުވީ ފަހުން އެ މައްސަލައިގެ ޝަރީއަތް ނިންމައި، އަންނަ މަހުގެ 31 ވަނަ ދުވަހު ހުކުމް އިއްވުމަށް ތާވަލްކޮށްފިއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށާއި، ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.
މީގެއިތުރުން ކުޑަކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލާގައި ވަނީ ދައުވާ އުފުލާފައެވެ.
އެމައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ޝާމިންއާއި، ކަރަމްއާއި ނިފާޒުގެ މައްޗަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެފަރާތުގެ ހުލާސާބަޔާން ވަނީ އިއްވާފައެވެ. އަދި މައްސަލަ ބައްލަވާ އިސް ގާޒީ ހުސެން ފާއިޒް ރަޝީދު، ހުލާސާބަޔާންތައް އަޑުއެއްސެވުމަށް ފަހު ވިދާޅުވީ މައްސަލަ ނިންމައިލި ކަމުގައިވިޔަސް މައްސަލަ އިތުރަށް ދިރާސާ ކުރުމުގެ ތެރޭގައި ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެކަމަށެވެ.
އެ މައްސަލާގައި ހުކުމް އިއްވުން ބާއްވާނީ އަންނަ މަހުގެ 31 ވަނަ ދުވަހު ކަމުގައި ކަނޑައަޅައި، ދައުވާ ލިބޭ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ވަނީ ނިންމާފައެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ހުލާސާ ބަޔާނުގައި ވަނީ ޓާމިނަލް ކެފޭތެރޭގައި ވަޅިއެއް ހިފައިގެން މަފާޒާއި ނިފާޒް އުޅުނު ކަމަށާއި، ހަމަލާދިނީ މަފާޒްކަން ދެ ހެކީންގެ ހެކިބަހުން އެނގޭކަމަށް ބުނެފައެވެ.
ހެކިން ބުނި ގޮތުގައި މޫނު ނިވާކޮށްގެން ތިބި ދެ މީހުންނަކީ މަފާޒާއި ނިފާޒްކަން ޔަގީންވަނީ މާސްކު ކުޑަކޮށް ތިރިވުމުން އެ ދެމީހުންގެ މޫނު ފެނުމުންނެވެ. އަދި މަފާޒު ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ މާސްކު ފެނިފައިވާކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުން ބުނީ ނަދީމަށް ހަމަލާދިން ރޭ މަފާޒާއި ޝާމިން އާއި އެ މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ މާލެ ތެރޭގައި އެކީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަކަމަށެވެ. އަދި ހަމަލާދިން ވަގުތު ޓާމިނަލް ކެފޭ ކައިރިން ދައުވާލިބޭ މީހުން ސައިކަލުގައި ދިޔަތަންވެސް ސީސީޓީވީ ފުޓޭޖުން ފެންނަކަމަށް ވަކީލު ވިދާޅުވިއެވެ.
ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.