22 Feb 2022, 15:04
ސަލްމާން މިސްކިތް ހުޅުވާނެ އިތުރު ތާރީޚެއް އަނެއްކާ ވެސް ސަރުކާރުން ދީފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުންވެސް މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް އަދި ވަނީ ނުވެފައެވެެ.
ރައީސް އޮފީހުގެ ތަރުޖަަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ވަނީ އިސްލާމިކް މިނިސްޓްރީއަށް ދޫކޮށްފައެވެ. ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ ޕްރޮޖެކްޓަށް ހުށަހަޅައިފައިވާ ކޯޓޭޝަންގެ 1.6 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށް ދިނުމަށް އެދި މިނިސްޓްރީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވަން ނިންމީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިނިސްޓްރީން ވަނީ އެ ތާރީޚުގައި މިސްކިތް ނުހުޅުވަން ނިންމާފައެވެ.
އޭގެ ފަހުން މިދިޔަ ރޯދަމަހަށް މިސްކިތް ހުޅުވަން މަސައްކަތް ކުރިނަމަވެސް، ނުހުޅުވުނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.
ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ.