އައްޑޫސިޓީގައި ސަރުކާރުން ގާއިމުކޮށްފައިވާ ސްޓޭޓް ހައުސް ގައި ފުލުހުންގެ ޚިދުމަތް ފެށުމަކީ އެ ސިޓީގެ ރައްޔިތުންނާއި ސިޓީ ކައުންސިލުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާ އިން ބުނެފި އެވެ.

ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމްކުރި ސްޓޭޓް ހައުސްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖައްސައި، ގަމުގައި ހުންނަ ޒުވާނުންގެ މަރުކަޒެއްގައި ގަމު ޕޮލިސް ސްޓޭޝަން ވަގުތީ ގޮތުން ހިންގާ ގޮތަށް ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އައްޑޫގެ ބައެއް ރައްޔިތުން ނުކުމެ އައްޑޫގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި ބޭނުންނުކުރެވޭ ވަރަށް އެތަންތަން ހަލާކު ކުރުމާއި ގުޅިގެން ނެވެ.
އައްޑޫސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްޓޭޓް ހައުސްއަކީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކު އެ ސިޓީއަށް ވަޑައިގެން ހުންނަވާ ގެކޮޅު ކަމަށްވާތީ އެ އިމާރަތަކީ ފުލުހުންގެ ޚިދުމަތް ދޭ އިމާރާތަކަށް ހެދުމަށް އެ ސިޓީގެ ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އައްޑޫސިޓީގެ ބައެއް ރައްޔިތުން ވަނީ މިރޭ ސްޓޭޓް ހައުސް ދޮށަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ "އައްޑު އަތޮޅުގެ އަތޮޅުގޭގެ" ނަމުގައި އެ އިމާރާތް ހުރިއިރު ވެސް، އެތަނުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ކޮޓަރިކޮޅެއް ހުންނަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އައްޑުއަށް ކުރައްވާ ދަތުރުތަކުގައި އަތޮޅުގޭގައި އެމަނިކުފާނަށް ޚާއްސަކޮށްފައިވާ ކޮޓަރިކޮޅުގައި މަޑުކުރައްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އަތޮޅުގޭގައި މަޑުކުރައްވާފައިވާ ކަމަށާއި އައްޑޫގައި އަތޮޅުވެރިކަން ކުރެއްވި ގިނަ ބޭފުޅުން ވެސް ތިއްބެވީ އަތޮޅުގޭގައި ކަމަށެވެ.

ސްޓޭޓް ހައުސް އަކަށް އަތޮޅުގެ ބަދަލު ކުރީ އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ތަނަކަށްވާތީ އާއި، ދައުލަތުގެ އެންމެ އިސްވެރިޔާ އެ ސިޓީއަށް ވަޑައިގަންނަވާ ވަގުތު އެބޭފުޅާ ހުންނަވާނެ ހައިބަތު ހުރި ޚާއްސަ ތަނެއް އެ ސިޓީގައި ހުރުމުގެ މުހިންމުކަން ސަރުކާރަށާއި ސިޓީ ކައުންސިލަށް ފެނިގެން ކަމަށް ވެސް އައްޑޫސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީން ކުރި މުޒާހަރާގައި ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހާ ރޯކުރުމާއި ގުޅިގެން، ދާއިމީކޮށް ތަނެއް ލިބެންދެން ވަގުތީ ގޮތުން ކޮންމެވެސް ތަނެއްގައި ފުލުހުންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.