ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައިވާ ޔޫކްރެއިންގައި ތިބި ދިވެހީން ރާއްޖެ ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަންގައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމަށް ރައީސް އެންގެވުމާ ގުޅިގެން ފޮރިން މިނިސްޓްރީން އެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރު އޭގެ ތެރެއިން 29 ދަރިވަރުން ތިބީ ހަނގުރާމަ ފަށައިފިނަމަ ފުރަތަމަ ވެސް އެންމެ ނުރައްކާވާނެ ހިސާބުގައެވެ. އެ ގައުމުގެ، ޚަރްވިކްގައި އެ ދަރިވަރުން ތިބިއިރު އެއީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ އެއް ސިޓީއެވެ.

ޚަރްވިކްގައި ތިބި ކުދިން ކިޔަވާ ކޮލްޖެކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކުރުމުން އޭގެ ތެރެއިން ބައެއް ދަރިވަރުން މާދަމާ ރާއްޖެ އައުމަށް ފުރަން ވަނީ ނިންމައިފައެވެ.

ރައީސްގެ އެންގުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުން ޓިކެޓް ނެގުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.

ހަނގުރާމަ ފެށިއްޖެނަމަ ވައިގެ ސަރަހައްދު ބަންދުވާނެތީ ވީހާވެސް އަވަހަކަށް ރާއްޖެ އަންނަން ދަރިވަރުން ބޭނުންވެއެވެ.

މި ކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިނާއި ރަޝިއާގައި ހިނގަމުން އަންނަ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ޔޫކްރެއިންގައި ތިބި ދަރިވަރުންނާ ވާހަކަ ދައްކާ ކަމަށެވެ. އަދި ބާލިންގައި ހުންނަ ދިވެހި އެމްބަސީން ކޮންމެ ދުވަހަކު ވެސް އެ ކުދިންނާ ވާހަކަ ދައްކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިންގެ މައްސަލަ ހޫނު

ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ ޔޫކްރެއިނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފެށުމުގެ އެއްވެސް ރޭވުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެގައުމުން ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައިވަނީ ޔޫކްރެއިން ނޭޓޯގެ މެންބަރަކަށް ހެދުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކާއެކު ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިން އަތުވެދާނެތީ އެކަން ހުއްޓުވުމަށްޓަކައި އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ އެގައުމު ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލުމަށް ކަމަށެވެ. އަދި އެމެރިކާގެ އިސް މަސްއޫލުވެރިންނަށްވަނީ ނަފްސާނީ ބައްޔެއްކަމަށްވާ ހިސްޓީރިއާ ޖެހިފައި ކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ.

އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ރަޝިއާއާ ކުރިމަތިލުމަށް ޔޫކްރެއިން އިން ދަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ޔޫކްރެއިން އިން ބުނާ ގޮތުން ރަޝިއާއާ ކުރިމަތިލުމަށްޓަކައި ހަތަރު ލައްކަ ސިފައިން ބަރުހަތިޔާރާއެކު މިހާރު ތިބީ ތައްޔާރީ ހާލަތުގައެވެ.

ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ވަނީ ރަޝިއާއިން އެގައުމަށް އަރައިގެންފިނަމަ ރަޝިއާ ބަލިކޮށްލާނެކަމަށާއި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ފާއިތުވި ދުވަސްތަކުގައި 2،000 ޓަނުގެ ހަތިޔާރު ލިބިފައިވާކަމަށް ބުނެފައެވެ.