ރާއްޖޭގެ ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް ފުވައްމުލަކު ސިޓީގައި ވެސް މިއަދު ހަރުކޮށްފިއެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ، ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ފެށިގެންދާ މި މަޝްރޫއުގެ ތެރެއިން، މީހުން ދިރިއުޅޭ 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރީ، އިއްޔެ އައްޑޫ ސިޓީގައެވެ.

ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމުގެ ދަށުން އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ހަމަޖެހިފައިވާ 10 ރަށް -- ފޮޓޯ/ އެންވައިރަމެންޓް މިނިސްޓްރީ

ޖަރުމަނު ވިލާތުގެ ބްރޭންޑެއްކަމަށްވާ "އައިކިއު އެއާ"ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރު ހަރުކުރުމަށް ހަމަޖެހިފައި ވަނީ އާބާދީގެ ގޮތުން ގިނަ ބަޔަކު ދިރިއުޅެމުންދާ ރަށްތަކުގައެވެ. އެ ރަށްތަތަކީ:

ހދ. ކުޅުދުއްފުށި
ށ. ފުނަދޫ
ޅ. ނައިފަރު
ކ. މާލެ
ކ. ހުޅުމާލެ
ދ. ކުޑަހުވަދޫ
ލ. ގަން
ގދ. ތިނަދޫ
ސ. ހިތަދޫ
ޏ. ފުވައްމުލަކެވެ.

ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރެއް އެންމެ ފުރަތަމަ ހަރުކޮށްފައިވަނީ މިިދިޔަ އަހަރެވެ. އެ ސެންސަރު ހަރުކޮށްފައި ވަނީ އެންވައިރަމަންޓް މިނިސްޓްރީގެ މައި އޮފީސް ހުންނަ ގްރީން ބިލްޑިންގުގައެވެ.

ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރުތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ލިބިގެންދާނެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ރާއްޖޭގައި ވައި ނުސާފުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތައް ކަމަށް ދިރާސާތަކުން ދައްކަނީ ދުއްވާ އެއްޗެއްސާއި އުޅަނދުފަހަރާއި، ކުނި އެންދުމުގެ އިތުރުން ފައިބަރު އުޅަނދުފަހަރު ބަނުމާއި، ކޮންސްޓްރަކްޝަން ސިނާއަތުން ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުންޏެވެ.