22 Feb 2022, 12:28
ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅައިފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ ގާނޫނު އަސާސީއަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަން މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ.
"އާ ގާނޫނު އަސާސީ ގެނައި ފަހުން މިހާރު ބާރަ، ތޭރަ އަހަރު ވީ. އަޅުގަނޑުމެންނަށް މިހާރު އެބަ ފާހަގަވޭ މިއަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް. އަޅުގަނޑުމެންނަށް މިދިޔަ މުއްދަތުގެ ތެރޭގައި، ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއާ އެއްކޮށް ގެންނަން ޖެހޭ އިސްލާހުުތައް ގެނައުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،" ނަސީމް ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭނީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި މަޝްވަރާ ކުރެވިގެން، "އޯލް ޕާޓީ ޓޯކް" އެއްގެ ތެރެއިން ކަން ފާހަގަކުރައްވައި ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން މިކަން ކުރިއަށް ގެންދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ފާހަގަކުރެވުނު އެންމެހާ ކަންކަން ހިމަނައިގެން، އެއްބަސްވެވޭ ހުރިހާ ކަމެއް ހިމަނައިގެން 2023ގެ ކުރިން ނިންމައިލެވޭނެ، އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސް ނަންގަވައިގެން، ލަސް ނުކުރައްވާ މި މަސައްކަތް ކުރިއަށް ގެންދެއްވުމަށް،" ނަސީމް ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރުގެ ވާހަކައާ ގުޅިގެން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެބަ ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އިސްލާހުތައް ގެންނަން ޖެހޭނީ ހަމައެކަނި މެޖޯރިޓީ ޕާޓީ އެދޭ ގޮތަށް ނޫން ކަމަށެވެ.
"އެ އިސްލާހުތައް ގެނައުމުގައި، ހަމައެކަނި މެޖޯރިޓީ ޕާޓީ އެދޭ ގޮތަށް ކަންކަން ގެންދިއުމުގެ ބަދަލުގައި، ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަކަށް އެ މަސައްކަތް ގެންދިއުމަކީ ބުއްދިވެރި ގޮތް،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެހެން ޕާޓީތަކުން އެ އިސްލާހުތަކާ މެދު ދެކޭ ގޮތް ބެލުމަކީ ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ އެންމެ ފަހުގެ ބައްދަލުވުމުގައި، ނަޝީދު ވަނީ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާމެދު ފެންނަ، ނުފެންނަ ގޮތެއް ބެލުމަށް ވޯޓަކަށް ދިއުމަށާއި ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ނުގޮސް ފަސޭހައިން ކާމިޔާބު ކުރެވޭނެ ގޮތެއް ކަނޑައެޅުމަށް އެމްޑީޕީގެ ހާއްސަ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފައެވެ.