22 Feb 2022, 12:20
ހުރިހާ މުވައްސަސާއަކަށް ވެސް ސިޔާސީ ނުފޫޒު ފޯރާނެ ކަމީ ގަބޫލުކުރަން ޖެހޭ ޙަޤީޤަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަޙުމަދު ތޯރިގް (ޓޮމް) ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ މުވައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުން ބިނާ ވެގެން ވަނީ އެ މަގާމަކަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ވިސްނުމުގެ މައްޗަށް ކަމަށެވެ.
"ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންވެފައި އޮންނަ މުވައްސަސާތަކަކީ މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅާއި އެ ބޭފުޅުން އެ ކަންކަމަށް އައްޔަން ކުރާ ބޭފުޅުންގެ ވިސްނުންފުޅާއި އެ ކަންކަން ތަންފީޒުކުރުމުގައި އަމަލު ކުރައްވާ ގޮތުގެ މައްޗަށް ބިނާވެގެންވާ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިދާރާތަކުން މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ، އެ އިދާރާއަކުން ނުފޫޒު ފޯރުވުމުގެ ނިޔަތް އޮތް ނަމަ ނުފޫޒު ފޯރުން ކަމަށެވެ. އެހެންކަމުން ހުރިހާ މުވައްސަސާއަކަށް ވެސް ނުފޫޒު ފޯރާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ގަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، އޭގެ ޙަޤީޤީ ފުނަށް ވިސްނައިފިނަމަ، ސިޔާސީ ނުފޫޒު ހުރިހާ މުވައްސަސާތަކަކަށް ވެސް ފޯރާނެ، މި މަޖިލީހަށް ވެސް ފޯރާނެ ރައްޔިތުންގެ ނުފޫޒު، ނުފޫޒު ފޯރުވަން ރައްޔިތުންގެ އަގުލަބިއްޔަތު ބޭނުންވާ ހާލަތްތަކުގައި،" ޝަރީފް ވިދާޅުވިއެވެ.
އެހެންނަމަވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނުފޫޒު ފޯރުވުމާ ދުރުވެއްޖެނަމަ، ނުފޫޒު ނުފޯރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލާ ދެކޮޅަށް ބަހުސް ކުރައްވަވައިފައެވެ.