ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އާސިމް މުޙައްމަދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އާސިމަށް ރުހުން ދިނުމާ މެދު ދެކޭގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް ކޮމިޓީން ވަނީ އާސިމާ މެދު އެއްވެސް މީހެއްގެ ޝަކުވާއެއް ވޭތޯ ބެލުމަށް އާންމުކޮށް ހުޅުވާލައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު، އޭނާއާ އިންޓަވިއު ކުރުމަށް ފަހު އޭނާއަށް ރުހުން ދިނުމަށް ނިންމައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އާސިމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕީސީބީގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަން ކުރިން ކުރެއްވީ ހަސަން ވަހީދެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.

ހަސަން ވަހީދު އިސްތިއުފާ ދެއްވުމުގެ ފަސް ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭނާ ވަނީ ހާޒިރުކޮށްފައެވެ.

ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ. މި ބޯޑުގެ ރައީސް އައްޔަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުމާ އެކުގައެވެ.

މިހާރު މި ބޯޑުގައި ރައީސް އާއެކު ތިއްބަވަނީ ހަ މެންބަރުންނެވެ.