13 Mar 2012, 22:08
ލަންޑަން (މާޗް 13) : 2007ވަނަ އަހަރު ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގައި އެޤައުމުގެ މިހާރުގެ ރައީސް ނިކޮލައި ސަރކޯޒީގެ ކެމްޕޭނަށް ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ 65 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރެއްވިކަން ހާމަވެއްޖެވެ.
ފަރަންސޭސި ވެބްސައިޓަކުން ހާމަކުރި މިކަމާބެހޭ ލިޔެކިޔުންތަކަކާ ޙަވާލާދީ ލަންޑަންގައި ނުކުންނަ "ޑެއިލީ ޓެލެގްރާފް" ބުނި ގޮތުގައި ރިޔާސީ ކެމްޕޭންގައި ޚަރަދުކުރުމަށް ސަރކޯޒީ ވަނީ ގައްޒާފީ އަތްޕުޅުން 65 މިލިޔަން އެމެރިކާ ޑޮލަރު ހޯއްދަވާފަ އެވެ.
ގައްޒާފީ، މިފައިސާ ދެއްވި ސަބަބުތަކާއި މިފައިސާ ދިނުމަށް ގައްޒާފީ އާއި ސަކޯޒީ އެއްބަސްވެވަޑައިގެންނެވި އެއްބަސްވުމާއި އެކަމާ ބެހޭ ޝަރުތުތައް ހިިމެނޭ ލިޔެކިޔުންތަކުގެ އަސްލުތައް ފަރަންސޭސި ވެބްސައިޓެއްކަމަށްވާ "މީޑިޔާޕާޓް" އިން ވަނީ ހާމަކޮށްފަ އެވެ.
ސަރކޯޒީގެ ކޭންޕޭނަށް 56 މިލިޔަން ޑޮަލަރު ދެއްވުމަށް ގައްޒާފީ އެއްބަސްވެވަޑައިގެންނެވީ އިންތިޚާބުގެ ދެ އަހަރުކުރިން ސަރކޯޒީއާ ގައްޒާފީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަކާ ގުޅިގެންކަމަށް އެ ލިޔެކިޔުންތައް ބުނެއެވެ.
މިމަޝްވަރާތަކުގައި ސަކޯޒީގެ މުޅި ކޭމްޕޭނަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރެއްވުމަށް ގައްޒާފީ ނިންމެވި ކަމަށާއި ގައްޒާފީ ދެއްވި ފައިސާ ސަކޯޒީ ހޯއްދެވީ ޕެނަމާއާއި ސްވިސްޓްޒަރލޭންޑްގައިވާ ތިން ވަނަ ފަރާތެއްގެ އެކައުންޓްތަކަކަށް ޖަމާކޮށް އޮޅުވާލައްވައިގެން ކަމަށް ޚަބަރުލިބެ އެވެ.
ފަރަންސޭސިވިލާތުގެ ޤާނޫނު ބުނާ ގޮތުން 9900 ޑޮލަރަށް ވުރެ ބޮޑުއެހީއެއް ނަގުދު ފައިސާގެ ގޮތުގައި ބޭރުގެ ފަރާތަކުން ލިބިގަތުމަކީ މަނާކަމެކެވެ. ގައްޒާފީ ދެއްވި 65 މިލިޔަން ޑޮލަރު ފުރަތަމަ ޖަމާކުރިކަމަށް ވަނީ ސަކޯޒީގެ ޕޮޕިއުލާ މޫމެންޓް ޕާޓީގެ ޒަޢީމް ޖާން ފްރާންސްވާ ކޫބީގެ އަންހެންކޮށްކޮއެއްގެ ސްވިސްބޭންކެއްގެ އެކައުންޓަކަށް ކަމަށްވެ އެވެ.
ކޫބީގެ އަންހެންކޮށްކޮއަކީ ސަރކޯޒީގެ ކޭންޕޭންގެ އިސްއެކްޓިވިސްޓެކެވެ. ސްވިސް ބޭންކަށް ޖަމާކުރި ފައިސާ ނެގިކަމަށް ވަނީ ޕެނަމާގައިވާ ބޭންކެއްގެ އެކައުންޓަށް ޓްރާންފާކުރުމަށްފަހުގަ އެވެ. ގައްޒާފީ ދެއްވި 65 މިލިޔަން ޑޮލަރުން ސަރކޯޒީގެ ކޭމްޕޭނަށް ޚަރަދުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ސަކޯޒީގެ ވަރަށް ގާތް އެކުވެރި އަރަބި މަހުޖަނެއްކަމަށްވާ ޒިޔާދު ތަޤިއްޔުއްދީނެވެ.
ޒިޔާދު ވަނީ ކޭންޕޭންގެ ދުވަސްވަރު ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އާ ޓްރިޕޮލީގައާއި ޕެރިސްގައި އެތަށްފަހަރަކު ބައްދަލުކުރައްވާފަ އެވެ. ގައްޒާފީއާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން އުތުރިއެރުމާ އެކު ގައްޒާފީގެ ވެރިކަން ވައްޓާލުމަށް އެންމެ ފުރަތަމަ ޙަރަކާތްތެރިވެވަޑައިގެންފައި ވަނީ ސަރކޯޒީ އެވެ. އަދި ގައްޒާފީގެ ސިފައިންނާ ދެކޮޅަށް ބޮންއަޅައި ގައްޒާފީއާ ދެކޮޅަށް ޢަސްކަރީ ބާރު އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭރުގެ ލީޑަރަކީ ވެސް ސަރކޯޒީއެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އެދުވަސްވަރު ވަނީ ސަރކޯޒީއަކީ ޙަރާމްކޯރުވާ ބޭފުޅެއް ކަމަށް ސިފަކުރައްވައި ސަރކޯޒީ ވެރިކަމަށް ގެނައުމަށް ގައްޒާފީ އެތައް މިލިޔަނެއް ޚަރަދުކުރެއްވިކަން ހާމަކުރައްވާފަ އެވެ. ސަރކޯޒީ ވަނީ މިޚަބަރު ދޮގުކުރައްވާފަ އެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށް މިކަން ބޭޒާރުވުމުން ސަރކޯޒީ ކަންބޮޑުވެވަޑައިގެންފައިވާ ކަމަށް ޚަބަރުލިބެ އެވެ. (ޑެއިލީ ޓެލެގްރާފް)