22 Feb 2022, 09:51
މޮސްކޯ (22 ޖަނަވަރީ 2022): ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ކަމަށްވާ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިއާ ބަލައިގެންފިއެވެ.
ރޭގެ ވަގުތެއްގައި މިކަން އިއުލާން ކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވީ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކް އާއި، ލުހާންސްކް ޕީޕަލްސް ރިޕަބްލިކަކީ އެދެ ސަރަހައްދުގެ ރައްޔިތުން މާކުރިން މިނިވަންކަން އިއުލާން ކޮށްފައިވާ މުސްތަގިއްލު ދެ ޖުމްހުރިއްޔާ ކަމަށާ އެދެ ސަރަހައްދަކީ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މުސްތަގިއްލު ދެގައުމުކަމަށް ބަލައިގަތުމަކީ ރަޝިއާ މާކުރިންވެސް ކުރަންޖެހޭ ކަމެއްކަމުގައެވެ.
ޑޮނެސްކް އާއި ލުހަންސްކް އަކީ ޔުކްރޭންގެ އިރުމަތީގައި އޮންނަ ބޮޑު ސަރަހައްދެއް ކަމަށްވާ ދުންބާސްގައި ހިމެނޭ ދެ ސަރަހައްދެވެ. އެދެ ސަރަހައްދުގެ އާބާދީގެ ގަތްގަނޑަކަށް 80 އިންސައްތައަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ.
ޑޮނެސްކް އާއި ލުހަންސްކް ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ސޮވިއެޓް ޔުނިޔަން (ކުރީގެ ރޫސީވިލާތް) ގެ މުއައްސިސް ވްލަޑިމީރު ލެނިންއެވެ. މިދެ ސަރަހައްދު ރަޝިއާއިން ވަކިކޮށް ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސިއިރު ޔުކްރޭނަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ބައެކެވެ.

ޔުކްރޭންގައި މިނިވަންކަން އިއުލާން ކޮށްފައިވާ ދެ ސަރަހައްދު ކަމަށްވާ ޑޮނެސްކް އާއި ލުހަންސްކް
މީގެއިތުރުން ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް އޮތް ކްރައިމިއާ އަކީވެސް ކުރީގެ ސޮވިއެޓް ޔުނިޔަން ދުވަސްވަރު ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ރަޝިއާގެ ސަރަހައްދެކެވެ. 2014 ވަނަ އަހަރު ކްރައިމިއާގެ މިނިވަންކަމަށް މަސައްކަތްކުރި ރަޝިއާއަށް ތާއީދުކުރާ ފަރާތްތަކުން ރަޝިއާގެ މަދަދާއެކު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި ޔުކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކުރުމަށް އެސަރަހައްދުގެ ގިނަ ބަޔަކު ތާއީދުކުރުމުން ކްރައިމިޔާގެ ލީޑަރުންވަނީ އެއީ މިނިވަން ޖުމްހޫރިއްޔަތެއްކަމަށް އެއަހަރު އިއުލާންކޮށްފައެވެ.
އެއަށްފަހު އެޖުމްހޫރިއްޔާ ވަނީ ރަޝިއަން ފެޑަރޭޝަން (މިހާރުގެ ރަޝިއާ ގެ އިއްތިހާދީ ދައުލަތް) ގައި ރަސްމީކޮށް ބައިވެރިވެފައެވެ. ކްރައިމިޔާގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީވެސް ރަޝިއާ ދަރިކޮޅުގެ އަދި ރަޝިއާ ބަހުން ވާހަކަ ދައްކާ މީހުންނެވެ.
ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ކަމަށްވާ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް އިއުލާންކޮށްފައިވަނީ 2014 ވަނައަހަރުއެވެ. އެއަށްފަހު އެދެ ސަރަހައްދުގެ ރަޝިއާ ދަރިކޮޅު މީހުންނާއި ޔުކްރޭންގެ ސަރުކާރާ ދެމެދު ދަނީ ހަނގުރާމަ ހިނގަމުންނެވެ.
ރޭ ރަޝިއާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ރައީސް ޕުޓިން ވިދާޅުވީ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިއާ އިއުތިރާފްވީ ޔުކްރޭންގެ ސިފައިންގެ ފަރާތުން އެދެ ސަރަހައްދުގެ ރަޝިއާ ދަރިކޮޅުގެ މީހުންނަށް ލިބެމުންދާ އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމަށް ކަމުގައެވެ.
ނަމަވެސް ޕޫޓިންގެ މިނިންމެވުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ޔުކްރޭންގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށް ޔުކްރޭނުންވަނީ ސިފަކޮށްފައެވެ. ރަޝިއާގެ މިނިންމުމާ ގުޅިގެން ޔުކްރޭންގެ ރައީސު ވްލަޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ޔުކްރޭންއާއި މުޅި ޔޫރަޕްގެ ހަމަޖެހުން ނަގާލާފައިވާ ކަމަށާ ރަޝިއާގެ ބޭނުމަކީ ޔުކްރޭންގެ ބިމުން ބައެއް އަތުލައިގަތުން ކަމުގައެވެ. އަދި ޑޮނެސްކް އާއި ލުހަންސްކް ދޫނުކުރައްވާނެކަމަށާ ޔުކްރޭންގެ ދެ ސަރަހައްދުގެ ގޮތުގައި އޮންނާނެކަމަށް ރަޝިއާއާ ކުރިމަތިލުމަށް ހުޅަނގުގެ މަދަދުލިބޭ ޒިލިންސްކީ ވިދާޅުވިއެވެ.
އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުންވަނީ ރަޝިއާގެ މިއަމަލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަދި ޔުކްރޭންގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއްކަމަށް ސިފަކޮށް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ ރަޝިއާއަށް ފާޑުވިދާޅުނުވެ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކޮށްފައިވާ ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ތެރޭގައި ހިމެނޭ ސަރަހައްދުތައް ހިމެނޭގޮތަށް ޔުކްރޭންގެ މިނިވަންކަމާއި، އެއްބައިވަންތަކަމަށް އދ.ން ތާއީދުކުރާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ.
ރަޝިއާއަކީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާގައުމަކަށްވާތީ މިމައްސަލާގައި ރަޝިއާއާ ދެކޮޅަށް ފިޔަވަޅެއް އެޅުން ނޫނީ ބަޔާނެއް ނެރުންފަދަ ކަމެއް ސަލާމަތީ މަޖިލީހަށް ނުކުރެވޭނެއެވެ. އެއީ ރަޝިއާ ވީޓޯ ކުރާނެތީއެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ދޭ އިންޒާރުތަކާ ގުޅިގެން ޕޫޓިން ވިދާޅުވީ ރަޝިއާ، އެމެރިކާއާއި ޔޫރަޕް ދެކެ ބިރުނުގަންނަ ކަމަށާ އެދެފަރާތުން އަޅާފިޔަވަޅުތަކަށް ބިރުން ރަޝިއާ ކުރަންޖެހޭކަންކަން ނުކޮށް ނޯންނާނެކަމުގައެވެ. އަދި ހުޅަނގުގެ ފިޔަވަޅުތަކުން ރަޝިއާއަށް ލިބޭނެ މާބޮޑު ގެއްލުމެއް ނޯންނާނެ ކަމަށާ އެފިޔަވަޅުތަކާ ކުރިމަތިލުމުގެ ގާބިލްކަން ރަޝިއާއަށް ލިބިފައިވާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.