22 Feb 2022, 09:17

ސްކޫލްތަކުގައި ދިވެހި ބަހުން ކިޔަވައިދޭ އިތުރު މާއްދާތައް އުފައްދަން ޖެހޭކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ އެކެޑަމީ އާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އާޓްސްގެ ގޮފި، ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާޓްސް (ސިއާ)އާ ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ސްކޫލްތަކުގެ ތައުލީމީ ނިޒާމުތަކުގައި ދިވެހި މާއްދާގެ އިތުރުން ދިވެހި ބަހުން ކިޔަވައިދެވޭ މާއްދާތައް އިތުރުކުރަންޖެހޭ ކަމަށެވެ.
އަދި ރާއްޖެ އިސްލާމްވި ގޮތުގެ ވާހަކަ އާއި ދިވެހީންގެ މަސައްކަތްތެރިކަމާއި ދިވެހި ވެށީގެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ މާއްދާތަކާއި ފިޝަރީ ސައިންސް ފަދަ މާއްދާތައް ދިވެހި ބަހުން ކިޔަވައިދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ ދިވެހި ބަހުން ޑިގްރީ ހަދަން މުދައްރިސުން ނޫން މީހުން ނުކުންނަން ޖެހޭ ކަމަށެވެ. އަދި ދިވެހި ބަހުގެ ޑިގްރީ ހަދަން މުދައްރިސުން ނޫން ބަޔަކު ނުކުންނާނީ ސަރުކާރުގެ މުއައްސަސާތަކުގެތެރެއިން އެއީ ބަލައިގަނެވޭ ސެޓްފިކެޓަކަށް ހެދުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއީ މުސާރައިގެ ގޮތުންނާއި މަގާމުގެ ގޮތުން ކުރިއެރުން ލިބޭ ސެޓްފިކެޓަކަށް ވާންޖެހޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ބަސް އުވިނުދާނެ ކަމާއި ދިވެހި ބަހުގެ ފުރިހަމަކަން ހާމަކޮށްދެއްވަމުން ޑރ. އަޝްރަފް ވިދާޅުވީ ދިވެހި ބަސް އުވިނުދާނެކަމަށެވެ. ސަބަބަކީ ބަހެއްގައި އޮންނަންޖެހޭ ހުރިހާ ގަވާއިދަކާއި ހަމަތަކެއް ދިވެހި ބަހުގައި ހުރުމުންކަމަށް އޭނާ ވިދާޅުވިއެވެ.
"...ހުރިހާ ޒަމާންތަކެއް އެބަހުރި. ހުރިހާ ކަންއިތުރެއް އެބަހުރި. ނަން އިތުރެއް އެބަހުރި. އެއަށް ބޭނުންވާ ހުރިހާ އެއްޗެއް އެބަހުރި އަދި ނުވިތާކަށް މި ލިންގުއިސްޓިކްސް ނުވަތަ ބަހަވީ ޢިލްމުގައި ކިޔަވައިދެއްވާ ހުރިހާ އުންސުރުތަކެއް ދިވެހި ބަހުގައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.
އެކަންކަން އެހެންހުރުމުން ދިވެހިބަސް އުވޭނެ ކަމަށް ގަބޫލު ނުކުރެވޭކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.