އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސް ބައްދަލު ކުރި މެޗު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދާދި ފަހުން މާޒިޔާއަށް ގެނައި ބިދޭސީ ކުޅުންތެރިޔާ ޓަނާ ޑޮމިންގޭޒް ވަނީ އޭނާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި އެއްވަރެއްގެ ކުޅުމެކެވެ. މާޒިޔާއިން ހަމަލާތަކެއް އުފެއްދި ނަމަވެސް، އީގަލްސްގެ ފަރާތުން މާއެދެވޭ ހަމަލާއެއް ފެންނަ ގޮތެއް ނުވިއެވެ.

ފުރަތަަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، އިތުރު ހަމަލާތަކަކަށް މަސައްކަތްކުރިއެވެ.

މާޒިޔާއިން މެޗުގައި ފުރަތަމަ ލީޑު ނެގީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މާޒިޔާގެ ހައިޝަމް ހަސަން އީގަލްސްގެ އޭރިޔާ ބޭރުން ހުރަސްކުރި ބޯޅައެއް މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ފަހަތަށް ޖައްސާލުމުން ޓަނާ ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލައިފައެވެ. އޭނާ މި ބޯޅަ ފޮނުވާލީ އީގަލްސްގެ ގޯލް އޭރިޔާ ތެރޭގައި ހުސްކޮށްހުރެއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ، އިތުރަށް ދެއްކި ހަތަރު މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އީގަލްސްގެ އޭރިޔާ ބޭރުން އެ ޓީމުގެ ކީޕަރު ޠާހާ ބޮލުން ފޮނުވާލި ބޯޅަ ލިބުނީ މާޒިޔާގެ ހަސަން ނާއިޒަށެވެ. ބޯޅަޔާއެކު ނާއިޒް އީގަލްސްގެ ގޯލު އޭރިޔާ ތެރެއަށްވަދެ ފޮނުވަލި ބޯޅަ ގޯލަށް ވައްދާލައިގެން މާޒިޔާއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ.

ލީގުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.