22 Feb 2022, 00:08
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް)އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ޓީސީން ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު 2-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު ސަސް ވަނީ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައެވެ. އަދި ޓީސީ ވަނީ ކުލަބް އީގަލްސް އަތުން ބަލިވެފައެވެ.
މިއަދުގެ މެޗުން ޓީސީ މޮޅުވީ މެޗުގެ ފަހު ވަގުތުގެ ތެރޭގައި މުހައްމަދު މުސްލިހު ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ސަސް އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ޓީސީގެ ގޯލުގެ ތިރީ ކަނަށެވެ.
ސަސްގެ ލަނޑަށްފަހު ޓީސީން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރިއެވެ. އެ ޓީމުން ދިޔައީ ސަސްގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފައްދަމުންނެވެ. ސަސްއިން އިތުރަށް ލީޑު ފުޅާކުރުމަށްޓަކައި ލަނޑެއްޖެހުމަށް މަސައްކަތްކުރިއެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ދެ މިނެޓުގެ ތެރޭގައި ޓީސީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ސަސްގެ ކިޕަރު މުހައްމަދު ޝަފީއުގެ އަތުގައިޖެހި ރީބައުންސަށް ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެން އެ ލަނޑު ކާމިޔާބުކުރީ އަހުމަދު ސަމީއުއެވެ.
ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެ ޓީމުން ވެސް ހަމަލާތަކެއް އުފައްދައި ގޯލު ޖަހަން މަސައްކަތްކުރިއެވެ. މި ހާފުގައި ރެފްރީގެ ބައެއް ނިންމުންތަކާމެދު ދެ ޓީމުގެ ކުޅުންތެރިންވެސް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ޓީސީއަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ޓީސީގެ އަހުނަފު މުހައްމަދު ތަސްނީމް (ނަފްކޮ)އަށް ސަސްގެ އޭރިއާ ތެރެއިން މަމްދޫހު އިބްރާހިމް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޓީސީގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހުއެެވެ.