13 Mar 2012, 21:41
ތެލުގެ މަސައްކަތް ކުރުމަށް ތ. ވޭމަންޑޫން އަމިއްލަ ފަރާތަކަށް ދޫކުރި ބިމެއްގެ މުއްދަތު އިތުރު ކުރުމުގައި، ކުރީގެ ތ. އަތޮޅު ވެރިޔާގެ އިސް އެހީތެރިޔާ އާއި މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، މަޤާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މައްސަލައެއް އޭސީސީ އިން ޕީޖީ އަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ޕީޖީ އަށް ދައުވާ ކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ފޮނުވާފައި ވަނީ ތ. އަތޮޅު އަތޮޅު ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ވޭމަންޑޫ އެޒޭލިޔާ އަހުމަދު ނާސިރާއި މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ކުރިން ހުންނެވި، ދަފްތަރު އަހުމަދު ނަޝީދު، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި ފަރާތަތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ މައްސަލަ ކަމަށެވެ.
އޭސީސީ އިން ބުނީ ތެލުގެ މަސައްކަތް ކުރުމަށް ވޭމަންޑޫން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ބިމެއްގެ މުއްދަތު ހަމަވާން ދެ އަހަރު ދުވަސް އޮއްވައި 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭ، ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ބިމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލި އިރު ހަތަރު ފަރާތަކަށް އެ ރަށު ހުޅަނގު އުތުރު ކޮޅުން ކުއްޔަށްދީފައިވާ ބިންތަކުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް އެފަރާތްތަކުން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ތެރޭގައި ތ. އަތޮޅު އޮފީހުގައި އެދިފައިވާ ކަމަށެވެ.
އަދި ބިމުގެ މުއްދަތު އިތުރު ކުރުމާ މެދު ވޭމަންޑޫ އޮފީހުގެ ލަފައަކަށް, ތ. އަތޮޅު އޮފީހުން އެދުމުން އެފަރާތުން ތ. އަތޮޅު އޮފީހަށް ލަފާދީފައި ވަނީ ރަށު ކައުންސިލްތައް އުފެދުމުން ނޫނީ ބިމާބެހޭ ބޮޑެތި މައްސަލަތައް ނިންމާލުމަކީ އެވަގުތައް އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ނުފެންނާތީ، ރަށު ކައުންސިލްތައް ހިނގައިގަތުމުން އެކަމަށް ގޮތެއް ނިންމުމަށް ލަސްކޮށްލުމަށް ކަމަށެވެ.
ނަމަވެސް ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދެ ވަނަ ފަހަރަށް އަމިއްލަ ފަރާތަކުން ތ. އަތޮޅު އޮފީހަށް ސިޓީއެއް ފޮނުވުމުން، މެދުދެކުނު ޕްރޮވިންސް އޮފީހުގެ ލަފާގެ މަތިން އެފަރާތަށް ކުއްޔަށް ދީފައިވާ ބިމުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ އެ ކަމުގައި ވަކިގޮތަކަށް ޢަމަލު ކުރުމަށް ތ. އަތޮޅު އޮފީހުން ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފަށްކަމަށް އޭސީސީން ބުނެ އެވެ.
އަދި ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމަށް އިތުރު ދެ އަހަރު އޮއްވައި، އޭރު ތ. އަތޮޅު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ނާސިރު، ބިމުގެ މުއްދަތު އިތުރުކޮށްދެއްވާފައި ވަނީ ކުރިން ބިން ކުއްޔަށް ދޫކޮށްފައިވާ އަގަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވެސް އޭސީސީން ބުނެ އެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް މެދު ދެކުނު ޕްރޮވިންސް އޮފީހުގެ ސީނިއާ މުވައްޒަފުންގެ ބައްދަލުވުމެއްގައި ނިންމާފައިވާ ގޮތާ ޚިލާފަށް، ކުއްޔަށް ދީފައިވާ ބިމުގައި ކޮށްފައިވާ މަސައްކަތް ގޮސްފައިވާ މިންވަރެއް ބަލައި އެމަސައްކަތަށް ރިޢާޔަށްކޮށް، އެފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓާއި މަސައްކަތުގެ ބާވަތަށް ބަލާފައިނުވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އަދި އެކަމަކީ އެދުވަސްވަރު ތ. އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމުގައި ހުންނެވި އަހުމަދު ނާސިރާއި މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އަހްމަދު ނަޝީދު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް ހިންގާފައިވާ ޢަމަލެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.