21 Feb 2022, 21:26
މާލެއިން ރަށްރަށަށް ދަތުރުކުރުގެ ކުރިން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ކަމަށް ކަނޑައަޅާފައި އޮތް އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުވާލައިފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު އިޢުލާނެއްގައި ވަނީ، މިދިޔަ މަހުގެ ނުވައެއްގައި ނެރުނު ދެ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުތަކުގެ ތެރޭގައި، މާލެއިން ރަށްރަށަށް ދަތުރު ކުރެވޭނީ 72 ގަޑިއިރަށް ވުރެ ގިނަ އިރުނުވާ ނެގަޓިވް ޕީސީއާރު ނަތީޖާއަކާއެކު ކަމަށް ކަނޑައަޅާފައިވާ އުސޫލު އުވާލުން ހިމެނެއެވެ.
ހަމައެއާއެކު، މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓު އުވާލައި، ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުން ވަނުމުގެ ހުއްދަ ވެސް އެޗްޕީއޭއިން ވަނީ ދީފައެވެ.
ނަމަވެސް އެފަދަ ހަރަކާތްތައް ބާއްވަންވާނީ އެޗްޕީއޭއިން އާންމުކޮށްފައިވާ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ އިދާރާއިން ބުންޏެވެ.
މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއީން މިދިޔަ މަހުގެ ނުވައެއްގައި އިއުލާންކުރީ، ސްކޫލް ޗުއްޓީއަށް މާލެ އައިސް ތިބި ގިނަ އަދަދެއްގެ މީހުން އެނބުރި ރަށަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ.
އޭގެ ސަބަބުން، ޕީސީއާރު ޓެސްޓު ހަދައިދޭ ސެންޓަރުތައް ކައިރީގައި ކިޔޫތައް ދިގުވެ، އެތައް ބަޔަކު ގިނަ އިރު ވަންދެން ކިޔޫގައި ތިބެން ޖެހުނެވެ.
ރާއްޖޭގައި ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރި، މިދިޔަ މަހު ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމަށް ފަހު މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ކޮވިޑަށް މީހުން ޓެސްޓުކުރަންދާ އަދަދު މަދުވަނީ، ދަތުރު ކުރަން ނުޖެހޭ މީހުން ގޭގައި ޓެސްޓް ހަދާތީ ކަމަށެވެ. އަދި މާލެއިން ކޮވިޑްގެ ރާޅު މިހާރު އެއްކޮށްހެން ފިލާފައިވީ ނަމަވެސް މިހާރު އެ ރާޅުގެ އަސަރު ބޮޑަށް ކުރަމުން ދަނީ އަތޮޅުތެރޭގެ ރަށްރަށަށް ކަމަށް އެ އިދާރާއިން ބުންޏެވެ.