22 Feb 2022, 09:32
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ އޭނާއާ ގުޅޭކަމެއް ނޫންކަމަށާއި، އެއީ ކުޅިވަރު މިނިސްޓަރާ ގުޅުންހުރިކަމެއްކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ޕާޓުނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ މިއީ އޭނާއާ ގުޅުންހުރި ކަމެއް ނޫންކަމަށާއި އަދި އުންމީދަކީ މިކަން ދާއިމީ ގޮތެއްގައި ކުރެވުންކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށްޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެ މަސައްކަތްވެސް ކުރައްވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ.
"އަޅުގަނޑު ނެތަސް ތި ވިދާޅުވިހެން މިކަން ހިނގަންވާނެ. ދެއްތޯ! މިހަމަ ވަރަށް މުހިންމުކަމެއް. އެހެންވީމަ އެ ގާނޫނަށް އިސްލާހެއް ގެންނަން ޖެހިއްޖެނަމަ އެގޮތުގައި އެ އިސްލާހު ގެނެސްގެން ނަމަވެސް އަޅުގަނޑުމެން ތިކަމަށް ހަމަ އިސްކަމެއް ދޭނަން. ވަރަށް ރަނގަޅު ވާހަކައެއް. އަޅުގަނޑު އުންމީދުކުރަނީ އެހެންނުވެ މިއީކީ މަހުލޫފާ ގުޅޭކަމެއް ނޫން. މިއީ ކުޅިވަރު މިނިސްޓަރާ ގުޅޭކަމެއް ގޮތުގައި ދެކިގެން މީތި ކުރިއަށް ގެންދިޔުން،" މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓްރީގެ ވިސްނުމަކީ މީގެ ކުރިން ކުޅިވަރު ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްވެސް ދައުވަތުދީ މި އެވޯޑް ނައިޓުގައި ބައިވެރިކުރުންކަމަށް މަހުލޫފު ވިދާޅުވިއެވެ. އެއީ ކުޅިވަރު އާއިލާ ވީހާވެސް ބޮޑަކަށް ބައިވެރިކުރުވަން ބޭނުންވަތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޖާގައިގެ މިންވަރު ކުޑަވާނެކަމަށާއި، ވަރަށް ލިމިޓްކޮށްގެން އިވެންޓް ބާއްވަންޖެހޭކަން މަހުލޫފު ފާހަގަކުރެއްވިއެވެ. އެހެންވިޔަސް ވީހާވެސް ބޮޑަށް އެންމެ މުހިންމު ފަރާތްތައް ބައިވެރިކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވޭ ގޮތަށް އިވެންޓް ބާއްވަން މަސައްކަތްކުރާނެކަމަށް މަހުލޫފު ވިދާޅުވިއެވެ.
މިއަހަރުގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުން ފަށައިގެންކަމަށް މަހުލޫފު ވިދާޅުވިއެވެ. އެއީ ކޮވިޑްގެ ދަތި ހާލަތާ ގުޅިގެން މި ފާއިތުވި ދެ އަހަރު ވަރަށް އުނދަގޫވުމާއި، ބައެއް ކުޅިވަރުތަކަށް ވަރަށް މަދު މުބާރާތްތަކެއް ބޭއްވިފައިވާތީކަމަަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރު އެވޯޑު ދޭނީ 2022 ވަނަ އަހަރަށް ބަލާފައިކަމަށާއި، މި ގޮތަށް މި ނިންމުން ނިންމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެދުމުގެ މަތިންކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭގައި އެވޯޑު ނައިޓް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާއިރު، މިއީ ގިނަ އަަހަރުތަކަކަށްފަހު ސަރުކާރުން ވަރަށް ބޮޑު މަގުސަދެއްގައި ކުރާ ކަމެއް ކަމަށްވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. އެންމެ ފަހުން ސަރުކާރުން މިފަދަ އިވެންޓެއް ބާއްވަފައިވަނީ 2012 ވަނަ އަހަރު "ގައުމީ ކުޅިވަރު އެވޯޑު"ގެ ނަމުގައެވެ.