21 Feb 2022, 21:30
ކުރިއަށް އޮތް ދެ ހަފްތާތެރޭ ވިލިމާލޭ ހުރިހާ މަގެއްގައި ރޭމްޕް ހަދާ ނިމޭނެ ކަމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި ބައެއް މަޝްރޫތައް އިފްތިތާހު ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ވިލިމާލެއަށް ޒިޔާރަތް ކޮށްފައެވެ.
އޭގެ ތެރޭގައި، ވިލިމާލޭ ވަގުތީ މާރުކޭޓުގެ ބިންގާ އެޅުމުގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ބިންގާ އެޅުމާއި، މަގުމަތީ ރޭމްޕް މަސައްކަތް އިފްތިތާހު ކުރުން ހިމެނެއެވެ.
ވިލިމާލޭގެ މަގުތަކުގައި ޑިސްއެބިލިޓީ އެކްސެސް އިފްތިތާހު ކުރެއްވުމަށް ފަހު މޭޔަރު ވިދާޅުވީ، ވިލިމާލޭގެ ޕޭވްމަންޓް ހުރި ހުރިހާ މަގެއްގައި ރޭމްޕް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.
ވިލިމާލޭގައި މި އިފްތިތާހު ކުރި ޑިސްއެބިލިޓީ އެކްސަސް އަކީ، ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކީގަ މަގުމަތީގަ އުޅެވޭ ގޮތަށް ބައްޓަން ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ފަށައިގެން އުޅޭ މަސައްކަތުގެ ތެރެއިން ކުރިއަށް ދިޔަ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މި މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާހު ކުރި ނަމަވެސް، މިިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން، ވިލިމާލޭގެ މަގުތަކުގައި ޑިސްއެބިލިޓީ އެކްސަސް ރޭމްޕްތަކުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިއީ ވިލިމާލޭ ކައުންސިލަރު ނަހުލާ އަލީގެ ވަރަށް ބޮޑު އެދުމަކާއި އިސްނެންގެވުމެއްގެ ދަށުން ކުރިއަށްގެންދާ ކަމެއްކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ މިހާތަނަށް 68 ރޭމްޕެއް ހަދައިފައިވާ ކަމަށެވެ.
ވިލިމާލޭގައި ޖުމްލަ 113 ރޭމްޕް ހަދާގޮތަށް ހަމަޖެހިފައިވާއިރު، އުންމީދަކީ، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބާކީ 45 ރޭމްޕް ނިންމާލުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.