ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ތަފާތު އެވޯޑުތަކަކާއެކު ސަރުކާރުން ކުޅިވަރުގެ އެވޯޑް ނައިޓެއް ބާއްވަން ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި އެވޯޑުތައް އިއުލާންކުރެއްވީ ޔޫތު މިނިސްޓަރު، އަޙުމަދު މަހުލޫފެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވި ގޮތުގައި މިހާރު ރޭވިފައި އޮތް ގޮތުން މިފަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ، އެތުލީޓް އޮފް ދަ އިޔާ (އަންހެން އަދި ފިރިހެން)، ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކުންވެސް އެންމެ މޮޅު އެތުލީޓް (އަންހެން އަދި ފިރިހެން)، ސްޕެޝަލީ އޭބަލް އެތުލީޓް އޮފް ދަ އިޔާ، ބެސްޓް ކޯޗު އޮފް ދަ އިޔާ (އަންހެން އަދި ފިރިހެން)، ބެސްޓް ޓެކްނިކަލް އޮފިސާ އޮފް ދަ އިޔާ (އަންހެން އަދި ފިރިހެން)، ސްޕޯޓްސް މެޑިކް އޮފް ދަ އިޔާ، ސްޕޯޓްސް މެން އެންޑް ވުމަން އޮފް ދަ އިޔާ، މޯސްޓް ޕްރޮމިސިން އެތުލީޓް އޮފް ދަ އިޔާ، ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު، ޖާނަލިސްޓް އޮފް ދަ އިޔާ، ފޮޓޯ ޖާނަލިސްޓް އޮފް ދަ އިޔާ އަދި ބެސްޓް އެސޯސިއޭޝަން އޮފް ދަ އިޔާ އަށެވެ. އަދި މަހުލޫފް ވިދާޅުވީ އޭގެ އިތުރުން އެންމެ ރަނގަޅު ބްރޯޑްކާސްޓަރާ އަދި އޮންލައިން މީޑިއާވެސް ހޮވާނެކަމަށެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މި މަސައްކަތްކުރީ ސްޕޯޓްސް ކައުންސިލްގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެންކަމަށެވެ.

"މި މަސައްކަތް އަޅުގަނޑުމެން ކުރީ ސްޕޯޓްސް ކައުންސިލްގެ ވެސް މަޝްވަރާއާއި ލަފަޔާއެކީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ މަޝްވަރާއާއި ލަފަޔާއެކީގައި. މި އެވޯޑަށް ނަންތައް ނޮމިނޭޓް ކޮށްދޭނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކޮންމެ ކުޅިވަރަކުން ކޮންމެ ދާއިރާއަކުން ތިން ނަމެއް އަންނާނެ. އަޅުގަނޑުމެން ހޮވާނީ އޭގެ ތެރެއިން އެއް ވަނަ އަށް ދާ ފަރާތް،" މަހުލޫފް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި އަލަށް ފެށޭ ކަމަކަށްވާތީ، ރާއްޖޭގައި ތިއްބެވި ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ގިނަ ބޭފުޅުންނަށްވެސް އެވޯޑު ދިނުމަށް ނިންމާފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ އެސޯސިއޭޝަންތަކުން ނޮމިނޭޓްކުރާ ފަރާތްތަކަށްކަމަށެވެ. އަދި އެވޯޑަށް މިހާރު ގަވާއިދެއް ހެދިފައިވާކަމަށާއި، ކޮންމެ އެސޯސިއޭޝަނަކުންވެސް ނަން ހުށަހަޅާނީ އެ އެސޯސިއޭޝަނަކާ ގުޅުންހުރި ކުޅިވަރަކުން ކަމަށެވެ. އަދި ވަނަތައް ހޮވުމަށް މިހާރު ޖަޖުންގެ ޕެނަލްއެއްވެސް އެކުލަވާލާފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިއަހަރުގެ އެވޯޑްސް ނައިޓަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ އެއް އިވެންޓަށް ވެގެންދާނެކަން ފާހަގަކުރައްވަމުން މަހުލޫފް ވިދާޅުވީ މި އެވޯޑު ހަފްލާއިން، ތަފާތު ހަތް ކުޅިވަރަކުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ކުރިން ވާދަކޮށްފައިވާ ބޭބޭފުޅުންނާއި އަދި މިހާރުވެސް ރެކޯޑް ހޯލްޑަރުންގެ ގޮތުގައި ތިއްބެވި ކުޅުންތެރިން ފެނިގެންދާނެކަމަށެވެ. އަދި މިކަން މި ގޮތަށް ކުރުމުގެ ބޭނުމަކީ މިކަމުގެ މުހިންމުކަން އަންގައިދިނުން ކަމަވެސް މަހުލޫފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން މިއަހަރުގެ އެވޯޑް ނައިޓް ބޭއްވުމަށް ނިންމާފައިވާއިރު، މިއީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ސަރުކާރުން މިފަދަ އެވޯޑް ނައިޓެއް ބާއްވާ ފުރަތަަމަ ފަހަރެވެ. އެންމެ ފަހުން ސަރުކާރުން ކުޅިވަރުގެ އެވޯޑް ނައިޓެއް ބާއްވާފައިވަނީ 2012 ވަނަ އަހަރެވެ. އެ އަހަރުގެ އެވޯޑް ނައިޓް ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް" ގެ ނަމުގައެވެ.