މިއަދަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މުހިންމު ބޮޅެއް އިތުރުވި ދުވަހެއްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ގެ ޕާޓުނަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިތުރު ހަރުފަތަކަށް ކުޅިވަރު ގެންދިޔުމަށްޓަކައި ސަރުކަރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތައް ކުރަމުންކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުތަކާއި ކުޅިވަރުތައް ކުރިއެރުވުމަށް މުޅިން އަލަށް ގިނަ ކަންތައްތަކެއްކޮށް، ރަނގަޅު ނަތީޖާތަކަށް ވާސިލްވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރާ މަސައްކަތުގެ ތެރެއިން ހަމަ ވަރަށް މުހިންމު ބޮޅެއް އިތުރުވެގެންދާ ދުވަހެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ކުޅިވަރު ކުޅުންތެރިންނާއި ގައުމަށް ރީތި ނަން ހޯދައިދޭ ކުޅުންތެރިންކަމަށެވެ.

"މިކަން ކުރުމުގައި އެންމެ ހަމަ މުހިންމު ދައުރެއް އަދާކުރާ އެއް ބައެއް އެއީ އަޅުގަނޑުމެންގެ ކުޅުންތެރިން. ރީތި ނަން ގައުމަށް ހޯދައިދޭ ގައުމީ ޓީމުގެ އެތުލީޓުންގެ އަގުވަަަޒަަންކުރުމަކީ. އެހެންވީމާ މުޅިން އަލަށް އަޅުގަނޑުމެން ރާއްޖެއަށް މި ތައަރަފް ކުރަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް. އިނގޭތޯ. މީގެ ކުރީގައި ކުޅިވަރުގެ އިނާމް ކިޔާފައި ވަރަށް އާދައިގެ ގޮތަކަށް އެއް އަހަރަކު އަޅުގަނޑަށްވެސް ދުށިން ފޮޓޯތަކެއް. އަޅުގަނޑު ހަނދާންވަނީ ހަތަރު ވަރަކަށް އެސޯސިއޭޝަނަކުން އިނާމްތަކެއްދީ ހެދިތަން،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ އޮންނަ މި އެވޯޑް ނައިޓުގައި އަވަށްޓެރި ބައެއް ގައުމުތަކުގެ ކުޅިވަރު ވަޒީރުންނާއި، ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ ކުރީގެ ކުޅިވަރު ލެޖެންޑުންގެ އިތުރުން މިހާރުވެސް ކުޅިވަރު ކުޅޭ ރެކޯޑް ހޯލްޑަރުން ބައިވެރިވާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީއިން އިސްނަގައިގެން މިއަހަރުގެ އެވޯޑް ނައިޓް ބޭއްވުމަށް ނިންމާފައިވާއިރު، މިއީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ސަރުކާރުން މިފަދަ އެވޯޑް ނައިޓެއް ބާއްވާ ފުރަތަަމަ ފަހަރެވެ. އެންމެ ފަހުން ސަރުކާރުން ކުޅިވަރުގެ އެވޯޑް ނައިޓެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އެ އަހަރުގެ އެވޯޑް ނައިޓް ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް" ގެ ނަމުގައެވެ.