މަސްތުވާތަކެތި ބޭނުންކުރުމާއި، ވިއްކުމާ ގުޅޭ މައްސަލަތަކުގައި 10 އަހަރުގެ ކުޑަކުދިން ވެސް އުޅޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި މީޑިއާއަށް މައުލޫމާތު ދެމުން ޖުވެނައިލް މޮނިޓަރިން ޔުނިޓްގައި މަސައްކަތް ކުރައްވާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މިޔާޒް މުޙައްމަދު ވިދާޅުވީ 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން އެފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން އެފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ހައްޔަރުކުރެވިފައިވަނީ 17 އަހަރުގެ ކުދިންނެވެ. އެ އުމުރުގެ ކުދިން 525 ފަހަރު ހައްޔަރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2017ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާ ހަމައަށް ހައްޔަރުކުރެވުނު ކުޑަކުދިންގެ ތެރެއިން 97 އިންސައްތައަކީ ފިރިހެން ކުދިންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލެއިން ބޭރުގައި މިފަދަ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކުރެވުނީ އައްޑުއާއި، ފުވައްމުލައް، އަދި ހައްދުންމަތީގައެވެ.

މާލޭ ސަރަަހައްދުގައި މިފަދަ ކަންކަމުގައި ކުޑަކުދިން އެންމެ ބޮޑަށް ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވަނީ ހެންވޭރުގައެވެ. މަސްތުވާތަކެއްޗާގުޅޭ މައްސަލަތަކުގައި ސުވާލު ކުރެވުނު ކުދިންގެ 40 އިންސައްތައާ ސުވާލު ކުރެވިފައިވަނީ އެ އަވަށުންނެވެ.

މިޔާޒް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރުކުރެވޭ ކުދިން ވެސް އެބަ ތިބި ކަމަށެވެ. އަދި، އެފަދަ ކުދިން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް އެއްބާރުލުން ނުލިބޭކަމަށެވެ.

"އިސްލާހުކުރުމަށް ޓަކައި ވެސް އަޅުގަނޑުމެންނަށް މަސައްކަތް އެބަ ކުރެވޭ މުއައްސަސާތަކާއި ގުޅިގެން، ނަމަވެސް އެ ކުދިންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ އަޅުގަނޑުމެންނަކަށް" އޭނާ ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުން އަޑީގައި ތިބެ، ކުޑަކުދިން އެ ވިޔަފާރީގެ އިސް ސަފަށް ނެރިގެން މަސައްކަތް ކުރުވާ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

މިދިޔަ އަހަރު ފުލުހުން ތަހުގީގުކުރި، އެފަދަ މައްސަލައަކާ ގުޅޭ މައުލޫމާތު ވެސް މިޔާޒް ހާމަކުރެއްވިއެވެ.

"ސަސްޕެކްޓް އަޑީގައި ހުރެގެން، ކުޑަކުދިން ލައްވާ ތަންތަން ކުއްޔަށް ހިފައިގެން، މަސްތުވާތަކެތި ބަހައްޓައިގެން، އެތަކެތި ކުދިކޮށް، ބަންދުކޮށް، އޭގެ ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތައް ހިންގަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށް، 13 އަހަރާއި 15އަހަރާ ދެމެދުގެ ކުދިން ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އެއް ތަނުގައި ކުދިން ބެހެއްޓުމަށް ވަކިން ތަނެއް ހަދާ، އެކުދިން ރެކްރޫޓު ކުރަމުންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބުތައް ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި އިވެންޓުގައި މިފަދަ އެކި މައްސަލަތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.