ރާއްޖެ އޮމިކްރޯން ރާޅުން އެއްކޮށް އަރައިގަންނަން އަދި ދެ މަސް ނަގާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރާ އަދަދު ދަށްވާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، މާލެއިން ކޮވިޑްގެ ރާޅު މިހާރު އެއްކޮށްހެން ފިލާފައި ވާކަމަށެވެ. އަދި މިހާރު އެ ރާޅުގެ އަސަރު ބޮޑަށް ކުރަމުން ދަނީ އަތޮޅުތެރޭގެ ރަށްރަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން މިހާރު ވަރަށް ގިނަ ބަޔަކަށް ކޮވިޑް ޖެހި ރަނގަޅު ވެފައިވާ ކަމަށާއި، މާލެއާ ޚިލާފަށް އަދިވެސް ރަށްރަށުގައި އެ ބަލި ފެތުރޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑަށް މީހުން ޓެސްޓުކުރަންދާ އަދަދު މަދުވަނީ، ދަތުރު ކުރަން ނުޖެހޭ މީހުން ގޭގައި ޓެސްޓް ހަދާތީ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"ހުޅުވާލިތާ ހޯމް ޓެސްޓިންއަށް ވެސް. އެހެންވީމައާ އެކީގަ ކަމަށް މި ބެލެވެނީ އަހަރެމެންގެ ޓެސްޓެޑް އަދަދު މި ކުޑަވަނީ. ޑޮކިއުމަންޓް ބޭނުން ނޫނިއްޔާ، ވަރަށް ބައިވަރު މީހުން ގޭގަ ޓެސްޓު ކުރާ ކަމަށް ބޮޑަށް ބެލެވެނީ، ހޯމް ކިޓުން،" އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޑެލްޓާ ވޭވްގެ ކޭސްތައް މާލޭ ސަރަައްދުން ގިނައިން ފެނުނު ނަމަވެސް، އޮމިކްރޯން ވޭވް މުޅި ރާއްޖެއަށް ފެތުރޭނެ ކަމަށް މިިދިޔަ މަހު ކުރީކޮޅު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޑރ. ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބަކަށް ނަޒްލާ ފާހަގަ ކުރެއްވީ، ޑެލްޓާ ވޭރިއެންޓު ފެތުރުނު އިރަށް ވުރެ ބޮޑަށް މިހާރު ގައުމު ހުޅުވާލާފައި އޮތުމެވެ.

ރާއްޖެއިން ފުރަތަމަ އޮމިކްރޯންގެ ކޭސް އެއް ފެނުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި ދެކުނު އެފްރިކާގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ.