21 Feb 2022, 15:46
ހައި ކޯޓުގެ އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލަން، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.
އެ ކޯޓުން ދޫކޮށްލަން އަމުރު ނެރެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ރަށު މަންދޫބުގެ، ރުޝާން އަޙުމަދު ދީދީއެވެ.
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަޙުމަދު ނެރުނު ޙުކުމުގައި ވަނީ ރުޝާން ދޫކޮށްލަން ނިންމައިފައިވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތަށް ރިއާޔަތް ކޮށްފައި ކަމަށެވެ.
އަމުރުގައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމީ، މެޖިސްޓްރޭޓު ކޯޓުގެ ޙުކުމެއް ބާތިލް ކުރުމަށް ފަހު ހައިކޯޓުން ކަމަށްވާއިރު، ހައި ކޯޓުގެ އަމުރުގެ ބާރު ކެނޑޭ ގޮތަށް ދަށުކޯޓަށް ޙުކުމެއް ކުރެވިދާނެތޯ ސުވާލު އުފައްދައިފައެވެ.
މިކަމުގައި ޝަރީއަތަށް ބޮޑަށް ބުރަވެވެނީ ހައި ކޯޓުގެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށް ކަމަށް ރަފީއުއްދީން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
ދަށު ކޯޓުގެ ބާރު ކެނޑޭ ގޮތަށް މެޖިސްޓްރޭޓު ނެރުނު އަމުރުގައި ވަނީ ހައިކޯޓުގެ އަމުރު ސަސްޕެންޑުކޮށް، ޝަރުތުތަކަކާއެކު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހާ ދޫކޮށްލުމަށް ޙުކުމް ކޮށްފައެވެ.
"ރުޝާން އަޙުމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 ދުވަހަށް ސަސްޕެންޑްކޮށް، މި މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފިން،" ދަށު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
މެޖިސްޓްރޭޓް ރަފީއުއްދީން މިގޮތަށް އަމުރު ނެރެފައިވީނަމަވެސް، ހައިކޯޓުގެ އަމުރެއް ބަދަލުކުރުމުގެ ބާރު ގާނޫނުން ދީފައިވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.
މި އަމުރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވައި، އެ ޙުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ.
"މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.