21 Feb 2022, 15:12
ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މެންދުރު 12 ޖަހާކަންހާއިރު މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 292 ވަނަ މީހާއެވެ.
އެންމެ ފަހުން ކޮވިޑްގައި ރާއްޖެއިން މީހަކު މަރުވެފައި ވަނީ އިއްޔެއެވެ.
އެޗްޕީއޭއިން ބުނީ، އިއްޔެ ކޮވިޑްގައި މަރުވެފައި ވަނީ އުމުރުން 90 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 3,996 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 844 މީހުންނެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 165,073އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،053 މީހުން ތިބިއިރު އޭގެ ތެރެއިން 23 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.