13 Mar 2012, 20:36
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ކުރަމުން ގެންދިޔައެއް ބިދޭސީންނާ ބެހޭ މަސައްކަތްތައް އިމިގްރޭޝަނަށް އަދި ވަޒީފާގެ ބާޒާރާއި އެމްޕްލޯއިމެންޓް އެޖެންސީތަކާ ބެހޭ މަސައްކަތް އިކްނޮމިކް މިނިސްޓްރީއަށް ބަދަލު ކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
އެގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މިނިސްޓްރީއިން ކުރައްވާ ބައެއް މަސައްކަތްތަކާއި، އެހެން ބައެއް ދާއިރާތަކުން ކުރާ މަސައްކަތްތަކާ ފުށުއަރާފަދަ ކަންތައްތަކެއް ހުރުމާއެކު، އެކަމާ ބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ސަރުކާރުގެ މި ނިންމުމާއެކު މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ހުއްދަ ދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން ދާނީ އިމިގްރޭޝަނެވެ.
ރާއްޖޭގައި އެމްޕްލޯއިމެންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި، ވަޒީފާގެ ބާޒާރުގައި، އެ އޭޖެންސީތަކުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް، އެ އޭޖެންސީތަކަށް އެހީތެރިވުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި، މިކަމާ ބެހޭގޮތުން ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތްދާނީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއަށެވެ. އަދި ވަޒީފާގެ ބާޒާރާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި، ދިރާސާތައް ކުރުމާއި، ވަޒީފާގެ ބާޒާރާބެހޭ މަޢުލޫމާތު ޝާއިޢުކޮށް، ޢާންމުކޮށް ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތަކީވެސް ދާނީ އެ މިނިސްޓްރީގެ ދަށަށެވެ.