މާލޭގައި ބަންދު ނުކުރެވި ތިން ޑްރަގް ކެފޭއެއް އެބަހުރިކަމަށާއި އެ ކެފޭތައް ބަންދުކުރާއިރަށް ފަޅައިލާ ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގައިފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރަން އިސްކަންދަރުކޮށީގައި މިއަދު ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓުގައި ފުލުހުން ވަނީ އެ ތަންތަނުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ބަންދު ނުކުރެވި ހުރީ މ. ސަންމާމުގެއާގޭގައި ހިންގާ ޑްރަގް ކެފޭއަކާއި މއ. ސެވަން އެންޑް ހައުސްގައި ހިންގާ ޑްރަގް ކެފޭއަކާއި މ. ދެރަހައިގައި ހިންގާ ޑްރަގް ކެފޭއެކެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަމްޝޫދު މީޑީއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މއ. ސެވަން އެންޑް ހައުސް މީގެ ތިން ދުވަސް ކުރިން ބަންދު ކުރި ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް ބަންދުކުރުމުން އެތަން ފަޅައިލައިފައިވާ ކަމަށާއި ރޭގެ ވަގުތެއްގައި ފުލުހުން އެތަނަށް ގޮސް އެތަން ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީގެ ތިން ދުވަސް މިތަން [މއ. ސެވަން އެންޑް ހައުސް] ބަންދުކުރީމަ ތަން ފަޅާލީ. ފަޅާލީމަ އަޅުގަނޑުމެން ރޭގައި އަނެއްކާ މިތަން ބަންދުކުރީ. ހަމަ އެގޮތަށް ސަންމާމުގެއާގެ ވެސް ގޭގެ ވެރިފަރާތުގެ އެއްބާރުލުމާއެކު ބަންދުކުރީމަ ބަޔަކު އައިސް ފަޅައިލަނީ،" ޖަމްޝޫދު ވިދާޅުވިއެވެ.

ޖަމްޝޫދު ވިދާޅުވި ގޮތުގައި މ. ދެރަހައަކީ ވަރަށް ބޮޑަށް ހުޅުވިފައި އޮތް ތަނެކެވެ. ދެރަހައިގެ އެތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ބަންދުކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ގޯޅިގަނޑުގައި ތިބެގެން މަސްތުވާތަކެތި ބޭނުން ކުރަނީ،" ޖަމްޝޫދު ވިދާޅުވިއެވެ.

ސެވަން އެންޑް ހައުސްގޭގެ ވެރިފަރާތަށް ވެސް އެތަނުގައި އުޅޭ މީހުން ވަނީ ބިރުދައްކައިފައެވެ. އަދި ގޭގެ ވެރިފަރާތް ގެއިން ނެރެ ގޭގެ ގޯޅިގަނޑު ތެރެއަށް ވަނީ އެއްލައިލައިފައެވެ.

"އަޅުގަނޑުމެން އެތަނަށް އެޓެންޑު ވާއިރު، ގޭގެ ވެރިފަރާތް އެ ކޮޓަރިތެރޭގައި އޮވޭ. އޭނާ ވަށައި ހަމަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބޭ،" ޖަމްޝޫދު ވިދާޅުވިއެވެ.

މިއަދުގެ މީޑިއާ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި، މާލޭގައި ޑްރަގް ކެފޭތައް ފެށުނީ 2019 ވަނަ އަހަރުގައެވެ. އަދި އެކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި 2019ވަނަ އަހަރުގެ ފަހުކޮޅު މާލެ ލޮކްޑައުން ކުރުމާއެެކު ޑްރަގް ކެފޭތައް ގިނަވިއެވެ. އަދި އެ ތަންތަން ހިންގަނީ މާލޭގައި ހުންނަ ބާ ތަންތަންކޮޅު ކުޑަ އަގެއްގައި ކުއްޔަށް ނަގައިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ވާ ގޮތުން މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާއްމުކޮށް ޚިދުމަތް ހޯދާ 1118 ދިވެހިން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ.