އުންމީދަކީ ކުރިމަގުގައި ބޭރުގެ ގައުމުތަކަށް އިންޓަނެޓު ވިއްކާ ގައުމަކަށް ރާއްޖެ ވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލާ ރާއްޖެ ގުޅާލުމުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ކްރޮސްރޯޑްސް ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖެއިން އިންޓަނެޓު އެކްސްޕޯޓު ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި އަދި، އެކަން ވާނީ އިގްތިސާދު ސިންދަފާތުކުރުމުގެ މުހިއްމު ލަނޑުދަނޑިއަކަށް ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެން މިކުރާ ހަމައެކަނި އެކްސްޕޯޓަކީ މަސްވެރިކަމުގެ އުފެއްދުންތައް. އެކަމަކު، މި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއެކު، އަޅުގަނޑުމެންނަށް ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓު ކެޕޭސިޓީ ފޯރުކޮށްދީގެން އެހެން ގައުމުތަކާ ވިޔަފާރި ކުރެވޭނެކަމަށް އުންމީދުކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫއަކީ ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ދޭ އަމިއްލަ ކުންފުނިތަކާ ސަރުކާރުން ވާދަކުރުމުގެ ނިޔަތުގައި ފެށި މަޝްރޫއެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކޭބަލް ގާއިމު ކުރެވުމާއެކު ކޮންމެ އައިއެސްޕީއަކަށް ވެސް އަޅުގަނޑުމެންގެ އަތުން އަގުހެޔޮ، ހަލުވި އިންޓަނެޓު ގަންނަން ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަބްމެރިން ކޭބަލެއް ގާއިމުކުރުމާއި، މެއިންޓެއިން ކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން އައިއެސްޕީތަކަށް އެކަމުގައި ލުއި ލިބޭނެކަން ވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފުޅާވަމުން އަންނަ ޓެކް ސިނާއަތުގައި ކާމިޔާބު ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، މިއީ އެފަދަ އިތުރު ކުންފުނިތައް ރާއްޖޭގައި ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ސަރުކާރުގެ ފަރާތުން މި ކޭބަލް ގާއިމުކުރުމާއެކު، ހުނަރުވެރި ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ވާނެކަމަަށް،" ފައްޔާޒް ވިދާޅުވިއެވެ.

މި ކޭބަލް މެދުވެރިކޮށް އިންޑިއާއާއި ސިންގަޕޫރާ ސީދާ ގުޅާލެވުމަކީ، ރާއްޖޭގައި ދެވޭ އިންޓަނެޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، އަގުހެޔޮ ވުމަށް މެދުވެރިވާނެ ކަމެއް ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މި ކޭބަލުގެ ޒަރީއާއިން މި ސަރަހައްދުގައި ހުރި އެންމެ ބޮޑު ޑޭޓާ ސެންޓަރުތަކާއި، އިންޓަނެޓު އެކްސްޗޭންޖުތައް ހުރި، މުމްބާއި އާއި ސިންގަޕޫރަށް ރާއްޖެ ސީދާ ގުޅާލެވޭނެ،" ފައްޔާޒް ވިދާޅުވިއެވެ.

އައިއޭއެކްސް ކޭބަލަކީ އިންޑިއާގެ ރިލަޔަންސް ކުންފުނިން ގާއިމު ކުރާ ކޭބަލެކެވެ. މި ކޭބަލް ރާއްޖެއާ ގުޅާލުމަށް މިއަދު ސޮއިކުރި އިރު، ރާއްޖެއިން އެ ކޭބަލުގެ ކަންކަން ބަލަހައްޓާނީ ސަރުކާރުގެ ސަބްސިޑަރީ ކުންފުނި، އޯޝަން ކަނެކްޓް މޯލްޑިވްސް އިންނެވެ.

ދެހާސް ވިހި ވަނަ އަހަރު އިއުލާނު ކުރި އެ ކޭބަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރެވެ. އެ ކޭބަލް މެދުވެރިކޮށް ސިކުންތަކު 100 ގިގަބިޓުގެ ދުވެލީގައި ޑޭޓާ ދައުރުކުރެވޭނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.