21 Feb 2022, 12:05
ދިރާގުން ރާއްޖެ، ސައުތު އީސްޓް އޭޝިއާ - މިޑްލް އީސްޓް - ވެސްޓާން ޔޫރަޕް 6 (ސީމީވީ6) ސަބްމެރިން ކޭބަލާ ގުޅާލުމަށް އެއްބަސްވެ، އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު ހެނދުނު މި ކޭބަލްގެ މަސައްކަތް އިއުލާނު ކުރުމާއެކު، ދިރާގުން ވަނީ އެ ކުންފުނިން އެ ކޭބަލުގެ ކޮޅެއް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފައެވެ.
ދިރާގުގެ ސީއީއޯ، އިސްމާޢީލު ރަޝީދު ވިދާޅުވީ، މިއީ ދިރާގުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެތައް ލުއި ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއެކު، އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިކޭބަލުގެ ސަބަބުން ރާއްޖެއާ ދުނިޔެއާ އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ. މިސާލަކަށް ސްރީލަންކާގެ ކޭބަލަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މުޅި ރާއްޖޭގެ ގުޅުން ކެނޑުން ފަދަ ކަންކަން ދެން ދިމައެއް ނުވާނެ،" ސީއީއޯ ވިދާޅުވިއެވެ.
ސީމީވީ6 ކޭބަލަކީ ސިންގަފޫރުން ފެށިގެން، ޖިބޫޓީ އާއި މިސްރު މެދުވެރިކޮށް ފްރާންސްގެ މާސޭއާ ހިސާބަށް ގުޅާލާ ކޭބަލެކެވެ. މި މަގުގައި ހިމެނޭ ގައުމުތަކަކީ ބޮޑެތި ޑޭޓާ ސެންޓަރުތައް ހުރި ގައުމުތަކެއް ކަމުން، އެ ގައުމުތަކާ ގުޅާލުމަކީ ދިރާގުގެ ޚިދުމަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިގުމިނުގައި 19،200 ކިލޯމީޓަރު ހުންނަ އެ ކޭބަލް ޖުމްލަ 11 ގައުމަކާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޭބަލުގައި ސިކުންތަކު 100 ޓެރަބައިޓުގެ ދުވެލީގައި ޑޭޓާ ދައުރުކުރެވޭނެ ފެންވަރު ހުރެއެވެ. މުޅި އެއްކޮށް ކޭބަލުގެ މަސައްކަތް ނިމި، ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެނީ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައެވެ.